އީލޮން މަސްކް
އީލޮން މަސްކް
ދުނިޔެ 31 Aug 2024 | 10:28

ދޮގު މައުލޫމާތު ފަތުރާތީ ބްރެޒިލްގައި އެކްސް މަނާކުރަނީ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ދޮގު މައުލޫމާތު ފަތުރާތީ ބްރެޒިލްގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރުން އެކްސް ބްލޮކް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

މި މަސައްކަތް ފަށާފައި މިވަނީ އެ ގައުމުގައި ގާނޫނީ މަންދޫބަކު ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވެފައި ވާތީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް ހުކުރު ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ އެކްސްގެ އޮޕަރޭޝަންތައް ވަގުތުން، އެއްކޮށް މެދުކަނޑާލުމަށް ށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް އިތިރަށް ވިދާޅުވެފައިވަނީ މިގޮތަށް އެކްސް ހުއްޓާލަން ޖެހޭނީ ކޯޓުން ކުރާ ހުރިހާ އަމުރުތަކަކަށް ތަބާވެ، ޖޫރިމަނާތައް ދައްކައި އަދި ކުންފުންޏަށް އައު ޤާނޫނީ ބަދަލު އައްޔަންކުރަންދެންކަމަށެވެ.

އެގައުމުގެ މަޝްހޫރު ތިން ޓެލެކޮމިއުނިކޭޝަނުން ބުނެފައިވާ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު (ޖީއެމްޓީ ގަޑިން 03:00) އިން ފެށިގެން އެކްސް އަށް ވަނުމަށް ހުރަސް އަޅަން ފަށާނެއެވެ.

ދޮގު މައުލޫމާތު ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މައްސަލާގައި ބިލިއަނަރު އީލޮން މަސްކްއާ ގާޒީގެ މެދުގައި ވަނީ މަސްތަކެއް ވަންދެން ދެބަސްވުންތަކެއް އުފެދިފާކަމަށް ވެސް މީޑިއާތަކުން ބުނެފައެވެ.

މި މައްސަލަ އުފެދުނު މައިގަނޑު ސަބަބަކީ ، ދޮގު ޚަބަރު ފެތުރުމާއި ނަފްރަތު އުފައްދައި، ގާނޫނީ ވެރިކަމަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ އެކައުންޓްތައް ބްލޮކް ކުރުމަށް މަސްކް މިއަހަރުގެ ކުރީކޮޅު ދެކޮޅު ހެއްދެވުމުން ކަމަށް ޑި މޮރޭސް ވަނީ ވިދާޅުވެފައެވެ.

މަސްކް ވަނީ އެ އަމުރަކީ ސެންސަރޝިޕެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައި، ބްރެޒިލްގައި ހުންނަ އެ ކުންފުނީގެ އޮފީސްތައް ބަންދުކޮށްފައެވެ.

ހުކުރު ދުވަހު ގާޒީ ނެރުއްވި އަމުރުގައި ވަނީ މަސްކަކީ ހަގީގީ އަދި ސައްހަ މައުލޫމާތާ ދުރުގައި ހުރި މީހެއް ކަމަށާއި ޑިމޮކްރެޓިކް ގާނޫނުގެ ވެރިކަމަށް ބޮޑެތި އަދަދުތަކުން ދޮގު މައުލޫމާތު ފެތުރުމާއި ނަފްރަތު އުފައްދާފައިވާ މީހެއްކަމަށެވެ.

ޑިމޮކްރެޓިކް ވެރިކަމަށް ހަމަލާތައް ފެތުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި އުޅުއްވާ "ގާނޫނާ ހިލާފު" މީހެއް ކަމަށްވެސްވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް