ރާއްޖެ އާއި ލަންކާއާ ދެމެދު 7 އެއްބަސްވުމެއްގައި ސޮއިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލަންކާގެ ރައީސްގެ އިތުރުން ދެ ގައުމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.
ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި ހިމެނެނީ:
ފަތުރުވެރިކަމުގެ ދާއިރާ
އާކައިިވިން ކޯޕަރޭޝަން
ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް
ކުޅިވަރާއި ޒުވާނުންގެ ދާއިރާ
ދިފާއީ ދާއިރާ
ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަން
އެކަޑަމިކް ކޯޕަރޭޝަން
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ނިންމީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށެވެ.
ލަންކާ އާއި ރާއްޖެއާ ދެމެދުގައި އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުންވެސް ވަނީ ރުހުން ދީފައެވެ.
ރައީސްގެ ދެ ކަނބަލުންގެ ލަންކާ ދަތުރުފުޅު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިއަދު އެ ދެކަނބަލުންނަށް ލަންކާއިން ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް