އެމްޑީއެން އުފެދުނީ ނަސާރާދީނުގެ ފައްޅިއެއްގެ މަސައްކަތުން: ރައީސް ޔާމީން
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ޖަމްއިއްޔާ އުފެދިގެން ދިޔައީ ނަސާރާ ދީނުގެ ފައްޅިއެއްގެ މަސައްކަތުންކަމަށް ކުރީގެ ރައީސް އަބްދުﷲޔާމީން ވިދާޅުވެއްޖެެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެމްޑީއެންއާއި ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުގެ ތެރޭގައި އެމްޑީއެން އޮތުމަކީ ސުވާލުއުފެދެންވީ ވަރުގެ ކަމެއް ނޫންކަމަށާއި 2008ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ފައިސާ ލިބެމުންދިޔައީ ސަލްސްބަރީ ޗާޗުންކަމަށް ޑރ.ހަސަން ސައީދާއި ޑރ.ޝަހީމް ފަދަ ބޭބޭފުޅުން ވިދާޅުވިކަމަށެވެ. އަދި އެމްޑީއެންއަށްވެސް ފައިސާ ލިބެމުންދަނީ އެތަނުންކަމަށް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ.
"މި ޔަހޫދީ ފަންޑުން ހޯދައިދިނީ އޭރު ރައީސް ނަޝީދު ކުރިމަތިލާން. އެންމެ ފަހުން ރިޔާސީ އިންތިޚާބުގައި ވެސް ފަންޑު ގެނައީ ރާއްޖެއިން ބޭރުން. އޭރު ސަލްސްބަރީ ޗާޗުން ކުރި މަސައްކަތުގެ ތެރެއިން އުފެދުނު އެއްޗެއް އެމްޑީއެން އަކީވެސް"، އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާާޅުވީ ދީނާއި ބެހޭ ކަންކަމުގައި ޑިމޮކްރަސީއާއި ލިބެރަލް ވިސްނުމެއް ނޯންނާނެކަމަށެވެ. އަދި މިނިވަން ފިކުރުގެ މީހުންކަމަށް ދައްކާ މީހުންނަކީ އަލްމާނީ ފިކުރަށް ތާއިދުކުރާ މީހުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީއެން ވީ އުވާލަން ނޫންކަމަށާއި އެމްޑީއެން ނައްތާލަންޖެހޭކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް