އާ ރައީސާއި ސަރުކާރު ހަވާލުކުރުމުގެ ކަންކަން ލަސްނުކޮށް ފެށުމަށް އިބޫ ގޮވާލައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިޔާސީ ގައިދީންކަމަށް އެމްޑީޕީން ތުހުމަތުކުރާ ގައިދީންތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސާލިހް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފިއެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޝަރުއީ މަރްހަލާގައި ރަނގަޅުނޫންގޮތްގޮތުން ބަންދުކުރެވިފައިތިއްބެވި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ރައީސް މައުމޫންއާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ދޫކޮށްލަންޖެހޭކަމަށެވެ. އަދި ސަރުކާރު ބަދަލުކުރުމުގެ ޓްރާންސިޝަން މަރުހަލާގެ ކަންކަން ގާނޫންއާއި އެއްގޮތަށް ލަސްނުކުރައްވައި ފެށްޓެވުމަށްވެސް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލެއްވިއެވެ. ރާއްޖެ މިހާރު ވެށްޓިފައިވާ ހިސާބުން ރައްޔިތުން ގުޅިގެން އަރައިގަތުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ ގުޅިފައިވާ ޕާޓީތަކުން ގަދައަޅައި ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ތަފާތު އެކިފިކުރުތަކުގެ މީހުން އެއްމިސްރާބަކަށް ދަތުރުކުމުންނެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓަށް ވޯޓްދެއްވި ހުރިހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް