މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް ވަޒީފާ ދީފިން: އެޑިއުކޭޝަން މިނިސްޓަރ
މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހެޅި ހުރިހާ ޓީޗަރުންނަށްވެސް މިހާރު ވަޒީފާ ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެފައިވަނީ މީހާ ހުންނަ ގޮތަކުން ނުވަތަ އެމީހަކު ހެދުން އަޅާ ގޮތަކުން ވަޒީފާއިން ވަކިކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މޫނު ބުރުގާ އެޅިޔަސް އަދި ނޭޅިޔަސް ސުކޫލުތަކުން ޓީޗަރުންނަށް މިހާރު ވަޒީފާ ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކުރި ޓީޗަރުންގެ މައްސަލަތައް މިހާރު ހައްލުކޮށްދީފައިވާނެ ކަމަށާއި، އެގޮތުން އެބޭފުޅުންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށް މިނިސްޓަރ އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. ޓީޗަރަކަށް ވުމަށް އެދި މުޅިން އަލަށް ހުށަހެޅި މީހުންގެ ތެރޭގައި ހިމެނޭ މޫނު ބުރުގާ އެޅި މީހުންނަށްވެސް ވަޒީފާ ދީފައިވާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދޭން ވަނީ ކާކުކަން އެނގުމަށްފަހު ކަމަށް ޝަރުތުކޮށްފައިވާކަމަށެވެ.
ފާއިތުވި ސަރުކާރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސުކޫލުތަކަށް މޫނު ބުރުގާއަޅައިގެން ކިޔަވައިދޭން ދިޔަ ޓީޗަރުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އޭރުގެސަރުކާރަށް ފާޑުކިޔާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް