ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރު އަދި ވެރިކަން ކުރާ ޕާޓީގެ ބާނީ: ފޮޓޯ/ ރޮއިޓާސް
ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރު އަދި ވެރިކަން ކުރާ ޕާޓީގެ ބާނީ: ފޮޓޯ/ ރޮއިޓާސް
ދުނިޔެ 20 Oct 2024 | 06:54

ތައިލެންޑުގައި ވެރިކަން ކުރާ ޕާޓީގެ މައްޗަށް ބޮޑު ތަޙުޤީޤެއް ހިންގަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ތައިލެންޑުގެ އިލެކްޝަން ކޮމިޝަނުން ވެރިކަން ކުރާ ޕިއު ތައި ޕާޓީގެ މައްޗަށް ބޮޑު ތަޙުޤީޤެއް ފަށާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ތަޙުޤީޤުގެ ސަބަބުން ޕާޓީ އުވާލުމަށް މަގުފަހިވެދާނެ ކަމަށް ވެސް ބެލެވެއެވެ.

ނަން ހާމަނުކުރާ މަސްދަރުތަކެއް ޙަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާ އަށް ޕާޓީގެ ހަރަކާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދިން ކަމަށް ބުނެ ޕާޓީގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ.

ޕިއު ތައި ޕާޓީގެ މައްޗަށް މި ތަޙުޤީޤު ފެށެނީ، މިދިޔަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރި ކުރީގެ މައި އިދިކޮޅު ޕާޓީ ކަމުގައިވާ މޫވް ފޯވަޑް އޯގަސްޓް މަހު އުވާލާލިތާ މާ ގިނަ މަސްތަކެއް ނުވެއެވެ. މޫވް ފޯވަޑް އުވާލީ އިލެކްޝަން ކޮމިޝަނުން ހިންގި ތަޙުޤީޤަކަށްފަހު ކޯޓު އަމުރަކުންނެވެ.

ތަކްސިން ޝިނަވަތްރާ ވަނީ މިދިޔަ އަހަރު، 15 އަހަރު ގައުމުން ބޭރުގައި ހުރުމަށްފަހު ތައިލެންޑަށް އެނބުރި އައިސްފައެވެ. އޭނާ އެނބުރި އައި ދުވަހަކީ އޭނާގެ ސިޔާސީ އެކުވެރިޔާ ސްރެތާ ތަވިސިން ބޮޑުވަޒީރު ކަމަށް ހޮވުނު ދުވަހެވެ. އޭގެ ފަހުން، އޯގަސްޓް މަހު، ތަކްސިންގެ ދަރިކަނބަލުން ޕޭތޯންތާން ޝިނަވަތްރާ (38 އަހަރު) ވަނީ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައެވެ. މިއީ ކޮންސްޓިޓިއުޝަނަލް ކޯޓުން ސްރެތާ މަޤާމުން ވަކިކުރުމަށްފަހުގައެވެ.

ތައިލެންޑުގެ ޤާނޫނުގެ ދަށުން، ސިޔާސީ ޕާޓީތަކަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަކީ މަނާކަމެކެވެ. އަދި ތަޙުޤީޤުން އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލަ ގޮތެއް ނިންމުމަށް ކޮންސްޓިޓިއުޝަނަލް ކޯޓަށް ފޮނުވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް