އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ
އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ
ދުނިޔެ 02 Dec 2025 | 04:03

އިސްރާއީލުގެ ޔަހޫދީންނަށްވެސް ނަތަންޔާހޫ ދެއްކީ މުނާފިގުކަން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފަލަސްތީނުގެ ބިން ގަދަކަމުން ފޭރިގަނެ، އެ ބިމަށް ވެރިވެގެން ތިބި، އިސްރާއިލް ޖަމާޢަތުގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ، އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ ތަކާއި ގުޅިގެން، އެ ޖަމާޢަތުގެ މީހުންގެ ކިބައިން، ”ނަމަކަށް“ މަޢާފަށްއެދި އަމިއްލަ މުނާފިގުކަން އަނެއްކާވެސް ހާމަކޮށްފިއެވެ.

ބީބީސީން މައުލޫމާތުދޭގޮތުން ކޮރަޕްޝަންގެ މައްސަލައިގައި ރައްޔިތުންގެ ކިބައިން ”މަޢާފަށް އެދި“ ރަސްމީ ސިޓީއެއް އިސްރާއީލުގެ ރައީސް އައިޒެކް ހެރްޒޯގްއަށް ނަތަންޔާހޫ ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ސިޓީ އާއްމުކޮށްފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހުއެވެ.

އެ ސިޓީގައި، އޭނާގެ ކުށް ޤަބޫލުކޮށްފައިނުވާއިރު، އެ ސިޓީ ހުށަހަޅައި، އާއްމުންގެ ކިބައިން މަޢާފަށް އެދެނީ ހަމައެކަނި "އާންމު މަސްލަހަތަށް" ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.

ނަތަންޔާހޫ ބުނެފައިވާގޮތުން، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ކުރިއަށްދާ ޝަރީޢަތުގައި އޭނާގެ ކުށެއްނެތްކަން ސާބިތުކުރުމަކީ "އަމިއްލަ މަސްލަހަތު" ހިމެނޭ ކަމެއް ކަމަށެވެ.

އެއް ސަފުހާގެ މި ކުރު ސިޓީގައި ނަތަންޔާހޫ ކުށަށް އެއްބަސްވެފައިނުވާއިރު، އޭނާގެ ސިޔާސީ މުސްތަޤްބަލާ ބެހޭ އެއްވެސް ކަމެއް ހާމަނުކުރެއެވެ. އޭނާ ވަނީ ރިޝްވަތު ދިނުމާއި، މަކަރާއި ހީލަތް އަދި ޚިޔާނާތުގެ ދަޢުވާތަކަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ.

އިސްރާއީލުގެ ވެރިޔާގެ ހައިސިއްޔަތުން މަޢާފު ދިނުމުގެ ބާރު ލިބެނީ ހަމައެކަނި ރައީސް ހެރްޒޯގްއަށް ލިބިގެންވެއެވެ. ރައީސްގެ އޮފީހުން ވަނީ މި މަޢާފަށް އެދުމުގެ ސިޓީ ލިބިފައިވާކަން ކަށަވަރުކޮށްދީ، ރައީސް ހެރްޒޯގް "ވަރަށް ބޮޑު ސަމާލުކަމާއިއެކު މިކަން ދިރާސާކުރާނެ" ކަމަށް ބުނެފައެވެ.

ނަތަންޔާހޫ މަޢާފަށް އެދި މިފަދަ ސިޓީއެއް ފޮނުވާފައި މިވަނީ އިސްރާއީލް ޖަމާއަތުގެ އެތައް ބަޔަކު، އެމީހުންގެ ކިބައިން ނަތަންޔާހޫ މަޢާފަށް އެދެންޖެހޭނެ ކަމަށް ބުނެ އިހްތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ުއިޒްރޭލުގެ ތާރީޚްގައިވެސް މަޤާމުގައި ހުއްޓައި ޖިނާއީ ދަޢުވާތަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ މީހަކީ ނަތަންޔާހޫއެވެ. އޭނާގެ ޝަރީޢަތް ވަކިވަކި ތިން މައްސަލައެއްގައި 2020 ވަނަ އަހަރުގެ މޭ މަހު ވަނީ ފަށާފައެވެ.

ނަތަންޔާހޫގެ ހެކިބަސް ނެގުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށުނު ނަމަވެސް، އޭނާގެ އެދުމުގެ މަތީން އަންނަނީ އެކަން ކެންސަލްކުރަމުންނެވެ.  ޝަރީޢަތުގެ ބާކީ ހުރި މަރުހަލާތަކަށް ބަލާއިރު، އޭގެ ތެރޭގައި ހެކިބަސް ދިނުމާއި، ޙުކުމް ކުރުމާއި، އަދި އިސްތިއުނާފް ކުރުމުގެ ފުރުސަތުތައް ހިމެނޭތީ، މި މައްސަލަތަކުގެ ޝަރީޢަތް އިތުރު އެތައް އަހަރެއް ވަންދެން ދެމިގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް