ޖާގަ މަދުވުމުން ހުވާކުރުމުގެ ރަސްމިއްޔާތަށް އާންމުންނަށް ނުވަދެވޭ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރުމުގެ ރަސްމިއްޔާާތު އާންމުންނަށް ހުޅުވާލައިގެން ވަދެވޭގޮތަށް ކުރިން އޮއްވައި، ޖާގަ މަދުވުމުން އެ ނިންމުން ބަދަލުކޮށްފިއެވެ.
އިންތިހާބީ ރައީސް އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ޖަލްސާ އަކީ އާންމުންނަށް ވަދެވޭނެހެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއެއް ގޮތަށް ކުރިން ރާވާފައިވީނަމަވެސް، ދައުވަތު އެރުވިފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން އެކަން ކުރުމަށް ދަތިވާނެ ކަމަށެވެ.
ލަތީފް މައުލޫމާތު ދެއްވި ގޮތުގައި ދައުވަތު ފޮނުވާފައިވަނީ ބޭރުގެ ދައުލަތްތަކުގެ އިސްވެރިންނާއި ހެޑް އޮފް ސްޓޭޓްސްތަކަށެވެ. އަދި އާންމުންނަށް ނުވަދެވޭނެހެން އެ ހަފްލާ ބޭއްވުމުގެ ސަބަބެއްގެ ގޮތުގައި އެބޭފުުޅުންގެ ސަލާމަތީ ކަންކަންވެސް ހަސަން ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.
"އެބޭފުޅުންގެ ސެކިޔުރިޓީއާއި ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެެހެއްޓޭނެގޮތަކަށް އެބޭފުޅުންގެ ފަރާތުންވެސް އަދި އެބޭފުޅުން ތަމްސީލް ކުރައްވާ ސަރުކާރުތަކުންނާއި، އަދި އަޅުގަނޑުމެންގެ ވެސް ސެކިޔުރިޓީ އެކިއެކި ބޭފުޅުންގެ ލަފައަކީ ދައުވަތު އެރުވޭ ބޭފުޅުންނަށް ހަމައެކަނި ހުޅުވާލައިގެން ބައިވެރިވެވޭ ގޮތަށް ގަަލޮޅު ދަނޑުގައި ހުވާކުރުމުގެ ރަސްމިއްޔާތު ގެންދިއުން"، ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެ ހަފްލާއަށް އާންމުންނަށް ނުވަދެވުނަސް، ހަފްލާ ބެލުމަށް މާލޭގެ ދެ ތަނެއްގައި ބޮޑު ސްކްރީންގެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ނޮވެމްބަރ ވީ ދުވަހުގެ ހަވީރު ފަހެއް ޖަހާއިރުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް