މިއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން: ރައީސް މައުމޫން
މި ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްެއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް މައުމޫނުގެ ތާއިދާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމާފައިވާ ކެނޑިޑޭޓުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މި ސަރުކާރުގައި ވަކި ޕާޓީއެއްގެ ބޭފުޅަކު ރައީސް ކަމުގައި ހުންނެވި ކަމުގައިވިޔަސް، މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި، ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ ތާއިދާއި ހިތްވަރުދިނުންކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ވެގެންދާނެކަަމަށެވެ.
"ރައްޔިތުންގެ ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން، އަޅުގަނޑުމެންނަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ، އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ބައި ފުރިހަމަ ކުރަން"، އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް މައުމޫން އިތުރަށްވަނީ މަޖިލީހަށް މެމްބަރުން ހޮވަން އުޅެނީ އެމީހުން މުއްސަނދި ކުރާކަށް ނޫން ކަމަށާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބޮޑު އަމާނާތަކާއި އެކުގައި ކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް