ރަސްދޫ މަޑިވަރު، ފަރުކޮޅު، ދިގުލާބާދޫ އަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ތިމާވެށީގެ ގޮތުން ޙާއްސަ ސިފަތަކެއް ލިބިފައިވާ ތިން ސަރަހައްދެއް މިއަދު ހިމަޔަތް ކޮށްފިއެވެ. މިއީ މިގާނޫގެ ދަށުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން އެންވާރްމަންޓް މިނިސްޓްރީން ކުރަމުން އަންނަ ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ތެރޭއިން ހިމެނޭކަމެކެވެ.
މިގޮތުން ހިމާޔަތްކުރެވުނު އެއް ސަރަހައްދަކީ ރަސްދޫ މަޑިވަރު ފިނޮޅެވެ. އއ. ރަސްދޫ މަޑިވަރު ސަރަޙައްދު ހިމާޔަތް ކުރެވިގެން މިދަނީ ޤުދުރަތީ ނުވަތަ ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ޤަވައިދުގެ 1 ވަނަ ގިންތި "ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދެއް" އަދި 6 ވަނަ ގިންތި "ހެބިޓެޓް/ ސްޕީސިސް މެނޭޖްމަންޓް އޭރިއަރ" ގެ ދަށުން ކަމަށް އެންވާރްމަންޓް މިނިސްޓްރީ އިން ވިދާޅުވިއެވެ.
އަރިއަތޮޅު އުތުރުބުރީ ރަސްދޫއަތޮޅަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ޚާއްޞަ ބާވަތްތަކުން މުއްސަނދި، އަދި ދިރޭތަކެތީގެ ނަސްލާއި އިންސާނުންގެ ހަރާކަތްތަކާއި ގުޅިފައިވާ އަތޮޅެއް ކަމުގައި ކަމަށް އެންވާރްމަންޓް މިނިސްޓްރީގެ އިއުލާންގައި ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން ރަސްދޫ އަތޮޅުގެ ފަރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ "އިކޮލޮޖިކަލީ އެންޑް ބަޔޮލޮޖިކަލީ ސިގްނިފިކަންޓް އޭރިއާ" އެއްގެ ގޮތުގައިވެސް 2016 ގައި ކަނޑައަޅައިފައިވާ ސަރަހައްދެއް ކަމަށާއި މިއަތޮޅަކީ ރާއްޖޭގައި މައި އަތޮޅުތަކާއި ވަކިން އުފެދިފައި އޮތް، އެހެން އަތޮޅުތަކާ ޚިލާފަށް ޤުދުރަތީ ގޮތުން ތަފާތުކަމެއް ލިބިފައިވާ އަތޮޅެކެވެ. މިގޮތުން އެންމެ ޚާއްޞަކޮށް ރަސްދޫ މަޑިވަރު ކަނޑަކީ ރާއްޖޭގައި މިހާތަނަށް ހޯދިފައިވާ ޑައިވް ސްޕޮޓްތަކުން އެންމެ ގިނަ ޢަދަދަކަށް ކާލިގަނޑު މިޔަރު (Hammerhead Sharks) މުޅި އަހަރުތެރޭގައި ފެންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދު ކަމުގައިވެސް ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެންމަޑި، މާހުޅުނބު ލަނޑާ، ވެލާކަހަނބު ފަދަ މުހިންމު ދިރުންތައް ދިރިއުޅޭ ސަރަހައްދެއް ކަމުގައިވެސް ފާހަގަ ކޮށްފައިވެއެވެ.
ދެވަނައަށް ހިމާޔަތް ކުރެވިގެންދާ ސަރަހައްކީ ދ.ދިގުލާބަދޫ އެވެ. ދ.ދިގުލާބަދޫ އަކީ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެން ރަށްރަށާއި ޚިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެއްގޮތުގައި ފާހަގަކުރެވެއެވެ. މިގޮތުން ރަށުގެ ބޮޑު ސަރަހައްދަކީ ކުޅި ޗަސްބިމުގެ މާޙައުލުތަކުން މުއްސަދިރަށެށް ކަމަށާއި ހަމަ އެހެންމެ ރަށުގެ ބައްޓަން ހުންނަ ގޮތުން ކޮއްލަވާންޏެއްގޮތަށް އުފެދިފައިވާ ސަރަހައްދުތަކާއި ޖުމްލަގޮތަކަށް ބަލާއިރު ރަށެއްގައި ހުންނާނެ ހުރިހާ ޤުދުރަތީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް މިރަށުގައި ހުރުމަކީ މިރަށް އެހެންރަށްރަށާއި ތަފާތުވާ ސިފަތަކެއް ކަމަށް އެންވާރަމަންޓް މިނިސްޓްރީއިން ފާހަގަކުރައްވާފައިވެއެވެ. މިރަށް ތިމާވެށީގެ ގޮތުން ޚާއްޞަވެފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށް އެކުލަވާލެވިފައިވާ 'އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާސް ލިސްޓް'ގައި ހިމެނިފާވާނެކަމަށާ މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައި ކަމަށްވެސް ފާހަގަކުރެއްވިއެވެ. ދިގުލާބަދޫގެ ޤުދުރަތީ މާޙައުލު 6 ބަޔަކަށް ވަނީ ބަހާލެވިފައެވެ. އެއީ:
1. ރަށުގެ ގަސްފަށަލަތައް
2. މޫދާއިގުޅިފައިވާ ކުޅި (ފިނިހަކަ ކުޅި)
3. ލޮނާއި މީރުފެންއެކުލެވޭ ފަސް ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިން
4. މޫދުވިނަ އުފެދިފައިވާ ސަރަހައްދު
5. ރަށުގެ ގޮނޑުދޮށް
6. ރަށުގެ ފަޅާއި ފަރުގެ މާޙައުލުތައް
ތިންވަނަ އަށް ހިމާޔަތްކޮށްފައިވަނީ ށ. ފަރުކޮޅެވެ. ށ އަތޮޅު ވެރިކަންކުރާ ރަށް ކަމަށްވާ ށ. ފުނަދޫއާ އެއް ފަޅެއްގައި އޮންނަ ށ.ފަރުކޮޅަކީ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެންރަށްރަށާއި ހިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއްކަމުގައި އިއުލާންގައި ފާހަގަކުރައްވާފައިވެ. މިގޮތުން ރަށުގެ ބޮޑު ސަރަހައްދަކީ ކުޅި ޗަސްބިމުގެ މާޙައުލުތަކުން މުއްސަދިރަށެއް ކަމަށާއި ހަމައެހެންމެ ރަށުގެ ބައްޓަން ހުންނަގޮތުން ކޮއްލަވާޏެއް އުފެދިފައިވާ ސަރަހައްދުތަކާއި ޖުމްލަގޮތަކަށް ބަލާއިރު ރަށެއްގައި ހުންނާނެ ހުރިހާ ޤުދުރަތީ ތިމާވެށީގެގޮތުން ޚާއްޞަ ސިފަތައް މިރަށުގައި ހުރުމަކީ މިރަށް އެހެންރަށްރަށާއި ތަފާތުވާ ސިފަތަކެއްކަމަށް ފާހަގަކުރައްވެއެވެ. މިރަށް ތިމާވެށީގެ ގޮތުން ޚާއްޞަވެފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށް އެކުލަވާލެވިފައިވާ 'އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާސް ލިސްޓް' ގައި ވަނީ ހިމެނިފައެވެ. އަދި މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ. ފަރުކޮޅުގެ ޤުދުރަތީ މާޙައުލު 5 ބަޔަކަށް ވަނީ ބަހާލެވިފައެވެ. އެއީ:
1. ރަށުގެ ގަސްފަށަލަތައް
2. މޫދާއިގުޅިފައިވާ ކުޅި (ފިނިހަކަ ކުޅި)
3. ލޮނާއި މީރުފެންއެކުލެވޭ ގޮތަށް މުޅިއެކު 7 ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިން
4. ރަށުގެ ގޮނޑުދޮށް
5. ރަށުގެ ފަޅާއި ފަރުގެ މާޙައުލުތައް
ށ. ފަރުކޮޅާއި ގދ.ދިގުލާބަދޫ ހިމާޔަތްކޮށްފައިވަނީ ގުދުރަތީ އަދި ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުގެ 7 ވަނަ ގިންތި ކަމުގައިވާ "ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެނިނަބަލް ޔޫޒް" ގެ ދަށުން ކަމަށް ވެސް އެމިނިސްޓްރީ އިން އެމިނިސްޓްރީގެ އިއުލާން ގައި ފާހަކުރަށްވާފައިވެއެވެ. ހިމާޔަތް ކުރި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައި ވާގޮތުގެ މަތިން ކަމަށް އެންވާރްމަންޓް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް