ވިޝާމާ މަރުވީ އޯވަޑޯޒް ވެގެންނެއް ނޫން
ހުޅުމާލޭގައި މިއަދު ހެނދުނު ނިޔާވި 27އަހަރުގެ އައިޝަތު ވިޝާމާ މަރުވީ އޯވަޑޯޒްވެގެން ނޫންކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.
ވިޝާމާ ވަނީ މިއަދުގެ މަޣްރިބް ނަމާދަށްފަހު ވަޅުލާފައެވެ.
އޭނާގެ އާއިލާގެ ފަރާތުން ވޮއިސްއަށް މައުލޫމާތުދިން މީހަކު ބުނީ ވިޝާމާ މަރުވީ ޑްރަގް އޯވަޑޯޒްވެގެން ނޫންކަމަށާއި ފިޓްޖެހިގެންކަން ޓްރީޓޮޕް ހޮސްޕިޓަލުންވެސް ޔަގީންކޮށްދީފައިވާކަމަށެވެ. އަދި އޯވަޑޯޒްވެފައިވާ ވާހަކަ ފުލުހުންވެސް ބުނެފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަރު ފޯމްގައި ސަބަބެއް ގޮތުގައިވެސް އޯވާޑޯޒްވި ވާހަކަ ނުވާކަމަށް ޓްރީޓޮޕް ބަޔާނުގައިވެއެވެ.
ނަމަވެސް ބައެއް މީޑިޔާާތަކުގައި މި މަރު ހިނގައިދިޔައީ އޯވަޑޯޒްއަކާއި ގުޅިގެންކަމަށް ބުނެ ޚަބަރު ފެތުރުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވިޝާމާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ވިޝާމާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެންބިއުލާންސްއަށް ގުޅީ އޭނާގެ ތިން ރަހުމަތްތެރިން ކަމަށް އާއިލާގެ ފަރާތުން ވަނީ ވޮއިސްއަށް މައުލޫމާތު ދީފައެވެ. ވިޝާމާ އެންބިއުލާންސްއަށް އެރުވި ހިސާބުން މި ތިން ރަހުމަތްތެރިން "ގެއްލިފައިވާ" ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.
މީގެ ތެރޭގައި މޮޑެލިންގްގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ފަރާތެއްވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އާއިލާއިން މައުލޫމާތު ދިންގޮތުގައި އެ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ވިޝާމާގެ އާއިލާއިން ވަނީ އެއްވެސް ވަރަކަށް ހަގީގަތް ބެލުމެއްނެތި އޭނާގެ މަރުގެ ވާހަކަތައް ނުފެތުރުމަށް އާންމުންނާއި މީޑިޔާތަކަށް ގޮވާލާފައެވެ. އަދި މިވަގުތު އާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތި ވަގުތަށް ރިޢާޔަތްކޮށް ދޭންޖެހޭ އެކަހެރިކަން ދިނުމަށްވެސް އާއިލާގެ ފަރާތުން އެދެއެވެ.
މި މަރުގެ މައްސަލަ ފުލުހުންގެ ފަރާތުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް