ބަންގްލަދޭޝް އާއި ޕާކިސްތާން މެޗް ނިމުނީ ގޯލެއް ނުފެނި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗް ފެށިގެން މޮޅަށް ކުޅެމުންދިޔައީ ބަންގްލަދޭޝްގެ ޓީމެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދާފައެވެ. ނަމަވެސް ޕާކިސްތާނުގެ ގޯލަށް އަމާޒުކޮށް ފޮނުވާލި އެއްވެސް ހަމަލާއެއް ގޯލް ފޫ އަޅުވާލެވޭ ގޮތެއް ނުވިއެވެ.
ބަންގްލަދޭޝްއިން އުފެއްދި އެއް ހަމަލާއެއް ގޯލް ހުރަސް ދަނޑި މަތިން ދިޔައިރު، ދިވާންއަށް ލިބުނު މި ފުރުސަތަކީ މެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. މެޗްގައި ޕާކިސްތާނުންވެސް ވަނީ ކުޅުން ރަނގަޅުކޮށް ބަންގްލަދޭޝްގެ ގޯލަށް ނުރައްކާކޮށްފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ބަންގްލަދޭޝްގެ ކީޕަރު މެހެދީ ވަނީ ދިފާއުކޮށްފައެވެ.

މެޗްގެ 61 ވަނަ މިނެޓް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމަކާ ގުޅިގެން ރެފްރީ ވަނީ ބަންގްލަދޭޝްގެ ކެޕްޓަން، އެސްއެމް ރަޙްމާނަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއާއެކު ބަންގްލަދޭޝްގެ ޓީމުން މެޗްގެ ބާކީ ބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ބަންގްލަދޭޝްގެ ކީޕަރު މެހެދީ ހަސަން އެވެ.
މި މުބާރާތުގައި މިރޭ ދިވެހިރާއްޖެ ނިކުންނާނީ އަފްޢާނިސްތާނާ ދެކޮޅަށެވެ. މި މެޗް ފަށާނީ 21:00 ގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށްދާ އުސޫލުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް