ދައުރުވަމުންދާ ވީޑިޔޯއަކީ ޕްރޮޖެކްޓަކަށް ކުޅެފައިވާ ވީޑިޔޯއެއް ނޫން: ޣިޔާޘުއްދީން
ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކްލާސްރޫމެއްގެ ތެރޭގައި އިށީނދެގެން އިން ކުއްޖަކު ވައްޓާލި ވީޑިޔޯއަކީ އެ ސްކޫލްގެ ޕްރޮޖެކްޓަކަށް ހެދި ވީޑިޔޯއެއް ނޫންކަމަށް އެ ސްކޫލުން ބުނެފިއެވެ.
ޣިޔާޘުއްދީންގެ ބެލެނިވެރިންނަށް އެ ސްކޫލުން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އެ ވީޑިޔޯ އެންމެ ފުރަތަަމަ ސްނެޕްޗެޓްގައި ދައުރުވަމުންދިޔަ ވާހަކަ ސްކޫލްގެ ފަރާތަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެންގުނުކަމަށެވެ. ނަަމަވެސް އެ ވީޑިޔޯ ޑިލީޓްކޮށްލުމުން އެ ވީޑިޔޯ ބެލޭނެގޮތެއް އެވަގުތު ނެތްކަމަށް ސްކޫލުން ބުންޏެވެ.
ނަަމަވެސް އެ ވީޑިޔޯ ދައުރުވަމުންދާ ވާހަކަ ސްކޫލްގެ މެނޭޖްމަންޓަށް މިދިޔަ ހުކުރު ދުވަހު އޮތް ސްކޫލްގެ ޕެރޭޑް ނިންމާލުމަށްފަހު ހެންވޭރު ދަނޑުގައި ތިއްބާ އެނގުނުކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އެހެންކަމުން ވަގުތުން އެ މައްސަލައިގެ ތަހުގީގު ފަށާ އެ މައްސަލައިގައި ހިމެނޭ ކުދިންނާއި ބެލެނިވެރިންނާއި ބައްދަލުކުރި ކަމަށެވެ.
ސްކޫލްގެ ދަރިވަރުންނަށް އަބަދުވެސް ހަނގާކުރުމުގެ ނުރައްކަލާއި ސްކޫލްގެ ގަވާއިދުތައް ހަނދުމަކޮށްދޭ ކަމަށާއި، ކުދިންގެ ރެޖިސްޓަރކޮށްފައިވާ ޑިވައިސްތަކެއް ގަވާއިދުތަކުގެ ތެެރެއިން ބޭނުންކުރުމުގެ ފުރުސަތު އޮންނަކަމަށެވެ. އަދި މިފަދަ ކަންކަން ނުވާނެގޮތަކަށް ފިޔަވަޅުތައް އެޅިޔަސް، ޓީޗަރުންގެ ގަޑިތައް ބަދަލުވާ ވަގުތުގައި ކްލާސްރޫމް އޮންނަނީ އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ނޫންކަން ޣިޔާޘުއްދީންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ވީޑިޔޯއަކީ ކުދިންނަށް ހަވާލުކުރެވުނު އެންޓި ބުލީއިންގް ޕްރޮޖެކްޓެއްގެ ވީޑިޔޯއެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ. އެކަމަށް ރައްދު ދެމުން އެ ސްކޫލުން ބުނެފައިވަނީ އެއީ އެ ޕްރޮޖެކްޓާއި ގުޅުންހުރި ވީޑިޔޯއެއް ނޫންކަން އެނގިފައިވެއެވެ.
އެގޮތުން އެ ވީޑިޔޯއަކީ ރާވައިގެން ނެގުނު، އަދި ކުދިންގެ ޔޫޓިއުބް ޗެނަލަކަށް ލުމަށް ނެގި ވީޑިޔޯއެއްކަމަށް ސްކޫލުން ވަނީ ބުނެފައެވެ. ނަމަވެސް އެ ގޮނޑިން ވެއްޓުނު ކުއްޖާއަށް އެ ވީޑިޔޯ ނަގާކަން ނޭނގޭކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.
އެ ސާކިއުލާ ނިންމާލަމުން ސްކޫލުން ވަނީ މިކަހަލަ މައްސަލަތަކަކީ ސްކޫލުން ބަލައި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު ވެސް އަޅަމުން ގެންދާނެ މައްސަލަތައް ކަމަށެވެ.
އަދި ދަރިވަރުން މޮނިޓަރ ކުރުން ވަރުގަދަކޮށް ސްކޫލު މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ޣިޔާޘުއްދީންގެ ބެެލެނިވެރިންނަށް އަރުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް