ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލިވަޕޫލް އަދި ވުލްވްސް ވޮންޑަރާސް ބައްދަލުކުރި މެޗް 2-1 ކުން ކާމިޔާބުކޮށް ވުލްވްސް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ލިވަޕޫލްއިން މެޗަށް ނުކުތީ އެޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެނެވެ. އެގޮތުން އުމުރުން 17 އަހަރުގެ ކާޓީސް ޖޯންސް އަދި 18 އަހަރުގެ ރަފައެލް ކަމާޗޯ ހިމަނައިގެން ޖުމްލަ ނުވަ ބަދަލެއް އެޓީމުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވެއެވެ.
މެޗުގައި ފެނުނު ފުރަތަމަ ލަނޑު އަދި ވުލްވްސްގެވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 38 ވަނަ މިނެޓުގައި ރައޫލް ހިމޭނޭޒްއެވެ. މި ލަނޑު ހިމޭނޭޒްއަށް ކާމިޔާބު ކުރެވުމުގައި ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އަންނަ ޖޭމްސް މިލްނާ ހެދި މިސްޓޭކް ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ އޮރިގީވަނީ މެޗުގެ ނަތީޖާ ލިވަޕޫލްއަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް މި ލަނޑުޖެހިތާ ފަސް މިނެޓުވެސް ނުވަނީސް ރޫބެން ނޭވޭސްވަނީ ލަނޑެއް ޖަހައި އަނެއްކާވެސް ވުލްވްސްއަށް މެޗުގެ ކުރި ހޯދަދީފައެވެ.
ލިވަޕޫލްވަނީ މެޗުން ބަލިވިޔަ ނުދީ ހިފަހައްޓާލުމަށްޓަކައި ސަލާހް އަދި ފިރްމީނޯވެސް ދަނޑަށް އަރުވާފައެވެ. ނަމަވެސް މެޗުގައި ފަހަތަށް ވެއްޓުމަށްފަހު އެޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލިތަން ފެނިގެން ދިޔައީ ޝަގީރީގެ ފަރާތުންނެވެ. ޝަގީރީ ފޮނުވާލި ރީތި ހީލެ ޖެހުން އަމާޒުވީ ގޯލް ދަނޑިއާއެވެ.
މިއީ 1981 ގެ ފަހުން ލިވަޕޫލް އަތުން ވުލްވްސް މޮޅުވި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް