ގާނޫނާއި ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތެއް ނުދޭނަން: ފުލުހުން
ގާނޫނާއި ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މިއަދު އާންމުކުރި ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ބުނީ ގާނޫނާއި އެއްގޮތަށް ސުލްހަވެރިކަމާއި އެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ސަރަހައްދެއްގެ މަގުތަކާއި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ ފުލުހުން އިސްކަން ދީގެން ކުރަމުން ގެންދާ ކަންކަން ކަމަށެވެ.
ފުލުހުން ބުނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ލިބިދީފައިވާ ހައްގުގެ ބޭރުން އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެއްވެ އުޅުން މަނާ ސަަރަހައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި އުޅަނދުފަހަރުގައި އަޑުގަަދަކުރާ ބޭނުންކޮށްގެން ހިނގާލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ކުއްލި އެއްވުންތައް ގޮތުގައި ނުބެލެވޭފަދަ ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތްކުރާކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ ގާނޫނުން ލިބިދޭ މިނިވަންކަން ބޭނުންކުރުމުގައި ގާާނޫނީ އިމުގެ ތެރެއިން އެންމެހާ ކަންތައްތައް ކުރުމަށް އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކާއި ބައިވެރިންނަށްވެސް ގޮވާލާކަމަށެވެ.
އަދި ގާނޫނާއި ޚިލާފަށް އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެކަމަށާއި، ގާނޫނާއި ޚިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ ބަޔާން ނިންމާލަމުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް