ތުލުސްދޫ ދާއިރާގެ މެންބަރު ވަހީދު މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގޮނޑި ނުގެއްލޭ ކަމަށް ދެންމެ ހުކުމްކޮށްފި އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017 ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.
ނަމަވެސް، ވައްޑެ އާއި އޭނާގެ ވަކީލުން ތަކުރާރުކޮށް ކޯޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން، ޕީޕީއެމުން ވައްޑެ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނި ގޮތުގައި ވައްޑެ ޕީޕީއެމުން ވަކި ކުރީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އެވެ.
ވައްޑެގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
މި މައްސަލަތަކުގެ ހުކުމް އިއްވާނީ ވަކިވަކިންނެވެ.
އެ ހަތަރު ބޭފުޅުންގެ އިތުރުން އެހެން އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް ވެސް އޮތީ އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ.
މިއަދަށް ތާވަލްކޮށްފައިވާ ހަތަރު މެންބަރުންގެ ގޮނޑިގެއްލުމުގެ މައްސަލައިގެ ތެރެއިން މިހާރު ހިނގަމުންދަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެންގެ މައްސަލައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް