އިބޫ އަނެއްކާވެސް ވޮލީ ކޯޓުން ފެންނަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ އުފަލުގައި ބާއްވާ ޚާއްސަ ކުޅިވަރު ފެސްޓިވަލްއެއްގައި، ވޮލީ ކުޅުމުގައި އެމަނިކުފާނު ބައިވެެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
"ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި މިމަހުގެ 18 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތާއި ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް އަހުމަދު ޝިފާޒް ވިދާޅުވީ، މި ހާއްސަ ހަރަކާތުގެ ތެރެއިން ވޮލީ ބޯޅަ އިވެންޓްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހަކީ އެމަނިކުފާނުގެ ޒުވާން ދުވަސްވަރު، ވަރަށް މޮޅަށް ވޮލީ ކުޅުއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލްކުރެއްވި ދުވަސްވަރު އެ ސްކޫލް ވޮލީ ޓީމްގައިވެސް ކުޅުއްވާފައެވެ.
ޝިފާޒް ވިދާޅުވީ މި ހަރަކާތްތަކުގައި ރާއްޖޭގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، ސިޔާސީ އިސްފަރާތްތައް ބައިވެރިވެ ކުޅިވަރު ކުޅުއްވާނެކަމަށެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ފުޓުބޯޅަ މެޗެއްގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.
ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ހަރަކާތްތައް ރާވާ ކޮމިޓީއިން މިއަދު ބުނެފައިވަނީ އެ ހަރަކާތުގައި ގާތްގަނޑަކަށް 3000 އާއި 5000 އާ ދެމެދުގެ އަދަކަށް މީހުން ބައިވެރިވާނެ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ 300 އެއްހާ މީހުން ބައިވެރިވާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް