ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ދެމުންދާނެ: ފުލުހުން
ތަފާތު މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކަށް، ރައްކާތެރިކަން ދެމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އިޒުމިޔާ ޒާހިރު ވިދާޅުވީ، ރޭ ރެސްޓޯރެންޓަކަށް ގާބުރިއެއް އެއްލުމުން ހިނގި މައްސަލައާއި މީސްމީޑިއާގައި އަންހެނަކަށް، އޭނާ ހެދުން އަޅާގޮތަށް ބަލައި، ވަރަށްގިނަ ހެރާސްމެންޓްތައް ކުރަމުން ގެންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އިޒުމިޔާ ވިދާޅުވިއެވެ.
އިޒުމިޔާ ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެގޮތަށް އިންޒާރުދީ ބިރުދައްކާ މައްސަލަތަކުގައި ފުލުހުން އެސެސްމެންޓް ހަދާފައި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކަށް އެ ރައްކާތެރިކަން ދެމުންދާނެ ކަމަށެވެ.
އެއްވެސް ފަރުދަކަށް މަރުގެ އިންޒާރުދީ ބިރުދައްކަމުންދާ ނަމަ، އެމައްސަލައެއް ފުލުހުން ބަލާނެ ކަމަށް ވެސް އިޒުމިޔާ ވިދާޅުވިއެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާކަން ހާމަކޮށްފައި މިވަނީ، ފިރިހެން ހެދުން އަޅައިގެން އުޅޭ އަންހެނަކު ދިވެހިރާއްޖޭގެ ގައުމީ ފިލްމް އެވޯޑް ނައިޓަށް ހާޒިރުވެ ހުއްޓައި ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި އަމާޒުވެ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މި ފޮޓޯގެ އިތުރުން އޭނާ އަމިއްލައަށް މީސްމީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުގައި ވެސް، ފިރިހެން ހެދުން ލައިގެން ހުންނާތީ އެކަން ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް