ނިރޮޅު މަގުގައި ފުލުހުން ސައިލެންޓް ކެމްޕެއިނެއް މިއަދު ކުރިއަށް ގެންގޮސްފި
އެކްސިޑެންޓްތައް މަދުކުރުމާއި މަގުމަތީގެ އަމާންކަން ޤާއިމުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅު މަގުގައި ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ޚާއްޞަ ސައިލެންޓް ކެމްޕެއިނެއް ހިންގައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ބާރުބޮޑު އެއް މަގުގެ ގޮތުގައި ފާހަގަކުރެވޭ ނިރޮޅު މަގުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފުލުހުން ބޭނުންކުރީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ލިޔެފައިވާ ބޯޑުތަކެވެ.

ދުއްވާ އުޅަނދުފަހަރާއި ހިނގާ މީހުންނަށް އަމާޒުކޮށް ދެއްކި އެ ބޯޑުތައް މެދުވެރިކޮށް ރައްކާތެރިކަމާ އެކު ދުއްވުމަށާއި މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
އެކްސިޑެންޓްތައް މަދުކުރުމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ދުއްވާ ވަގުތު ދެވޭ ކުޑަ ސިކުންތުކޮޅެއްގެ ސަމާލުކަމަކީ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދީފާނެ ކަމެއް ކަމަށާއި އެންމެނަށް ރައްކާތެރި މަގުތަކެއް ބިނާކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުން ޒިންމާދާރުކަމާ އެކު ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ.

ފަހަކަށް އައިސް ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ ފުލުހުން ދަނީ މިފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް