ކޮމެޓީތަކަށް ހާޒިރު ކުރުމުގެ ކުރިން ފަސް ދުވަސް ދޭން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރާ ފަރާތްތަކަށް ފަސް ދުވަހުގެ ނޯޓިސްއެއް ދޭން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކޮމެޓީތަކުގެ މުގައްރިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށެވެ.
އަންނަ ހަފްތާގައި މަޖިލީހުގެ ކޮމެޓީތަކަށް ސަރުކާރުގެ އެކި އިދާރާތަކުގެ ބޭފުޅުން ހާޒިރު ކުރާނެއެވެ. އެގޮތުން އަންނަ ހޯމަ ދުވަހު އިޖްތިމާއީ ކޮމެޓީއަށް ޔޫތު މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރައްވާނެއެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރަން ތާވަލުކޮށްފައިވާއިރު، ބުދަ ދުވަހު މީޑިއާ ކައުންސިލާ ބައްދަލު ކުރާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ނިއުޝާ ވިދާޅުވިއެވެ.
އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އަންގާރަ ދުވަހު ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު، ޖުޑިޝަރީ ކޮމެޓީން ހަމަ އެދުވަހު އެޓާނީ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޮޓޯ/ ވަން އޮންލައިން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް