ހުޅުމާލޭ ބީޗް ކެފޭތަކަށް ނުވަދެވޭނެހެން ބަންދުކޮށްފި
ހުޅުމާލޭ ބީޗް ސަރަހައްދުގައި ހިންގާ ކެފޭތަކަށް އެ ސަރަހައްދަށް ނުވަދޭނެގޮތަށް ޓޭޕް ދަމައި ބަންދުކޮށްފިއެވެ.
އެޗްޑީސީގެ ފަރާތުން މިގޮތަށް އަމަލުކޮށްފައި ވަނީ ހުޅުމާލޭ ފޭސް ދޭއްއަށް ހޮޅިތައް އެޅުމަށް ކަމަށްބުނެއެވެ. އެ ކެފޭތައް މިއަދަށް ހުސްކުރުމަށް މީގެ ކުރިން ވަނީ ނޯޓިސް ދީފައެވެ.
އެ ސަރަހައްދު ބަންދުކުރުމަށްފަހު ޓޭޕް ދަމައި ހިއްޕާފައިވާ އިއުލާންގައި ބުނެފައިވާ ގޮތުގައި، މިއަދު 15:00ކުރިން އެތަނުގައިވާ ތަކެތި ނުނަގައިފިނަމަ އެތަކެތި އެޗްޑީސީން ނަގާނެއެވެ. އެކަން ކުރުމުގައި ލިބޭ ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭ ބީޗްގައި ހިންގާ ކެފޭތައް ހިންގަނީ ހުއްދައާއި ނުލާ ކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ކެފޭތައް ހިންގާ ފަރާތްތަކުން ވަނީ އުސޫލެއްގެ ދަށުން އެފަރާތްތަކަށް ހުއްދަ ދިނުމަށް ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އެޗްޑީސީން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ވޮއިސްއާއި ވާހަކަދެއްކި ބައެއް ބީޗް ކެފޭތައް ހިންގާ ފަރާތްތަކުން ވަނީ މިކަމުގައި އެޗްޑީސީން އަމަލުކުރަމުންދާ އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެހުރިހާ ކެފޭތައް އެއްފަހަރާ ނެގުމުން މުޅި ހުޅުމާލޭގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެކަމަށް ވަނީ ބުނެފައެވެ.
އަދި ނަރުދަމާ ހޮޅިފަދަ ތަކެތި ފޭސް ދޭކަށް އެޅުމަށް އެއްބާރުލުން ދޭނެކަަމަށާއި، އެ މަސައްކަތްތައް ކުރިއަށްދާ ވަަރަކުން ފަހަރަކު ކެފޭއެއް ނެގުމަށް ތައްޔާރުކަމަށް އެޗްޑީސީއަށް އަންގާފައިވާނެކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް