އީސީސީގައި އަޅާ ހޮސްޕިޓަލް ރައީސް ނަޝީދު ބައްލަވާލައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ނަޝީދުގެ ސަރުކާާރުގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓެއް ބޭއްވުމަށް ގާއިމްކުރެވުނު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރގައި، ރައީސް ޔާމީންގެ ސަރުކާާރުން ގާާއިމްކުރައްވަމުންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާާލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ނަޝީދު އީސީސީއަށް ޒިޔާރަތްކުރެއްވީ އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދުގެ ވަގުތެއްގައެވެ.
އީސީސީއަށް އެމަނިކުފާނު ޒިޔާރަތްކުރެއްވި އިރު، އަރިހުގައި އެމްޑީޕީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޒިޔާރަތް ކުރައްވާފައިވާއިރު، އިއްޔެ އައްޑޫ ސިޓީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އީސީސީގައި ހޮސްޕިޓަލެއް އެޅުމުގެ ނަމުގައި އެތަން ހަލާކުކޮށްލާފައިވާކަމަށެވެ. ނަމަވެސް އެތަން އަނބުރާ ކޮންވެންޝަން ސެންޓަރަކަށް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮންވެންޝަން ސެންޓަރެއް ބޭނުންވާނަމަ އަލުން އާ ކޮންވެންޝަން ސެންޓަރެއް ގާއިމްކުރެވިގެންދާނެކަމަށެވެ.
އީސީސީގައި ގާއިމްކުރެވެމުންދާ ޓާޝަރީ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކުރެވިގެން މަސައްކަތް ކުރިއަށްދާ އެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެކަމަށް ހެލްތް މިނިސްްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް