މޯދީގެ ދަތުރާ ދިމާކޮށް އިންޑިއާއިން ފެރީއަކާއި، އައިސްޕްލާންޓެއް ރާއްޖެއަށް!
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިމަހުގެ 7 ވަނަ ދުވަހު ރާއްޖެ ކުރައްވަން ހަމަޖެހިފައިވާ ދަތުރާ ދިމާކޮށް އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖެގައި ހިނގުމަށް ހަމަޖެހިފައިވާ ކުދި ޕްރޮޖެކްޓްތަކެއް މިއަދުވެސް ފޮރިން މިނިސްޓްރީން ޢިއުލާން ކުރައްވައިފިއެވެ.
އެގޮތުން މިފަހަރު އިންޑިއާއިން އެހީވުމަށް ނިންމާފައިވަނީ ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށާއި، މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫއަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސައިދިނުމަށާއި، އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއްއެޅުމަށެވެ.
މިއީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓަކެކެވެ.
އެގޮތުން އައިސް ޕްލާންޓް އެޅުމަށް 8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އައިސް ޕްލާންޓު އަޅާނެ ރަށެއް އަދި ނިންމާފައިނުވާކަމަށް ފޮރިން މިނިސްޓްރީން ހާމަނުކުރައްވައެވެ.
މި މަޝްރޫޢުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް މަސްވެރިކަން ކުރާ ފަރާތްތައް ގިނަ ދެ ރަށެއްގައި ބެހެއްޓޭނެއެވެ. އައިސް ޕްލާންޓުތައް ބެހެއްޓުމުގެ ސަބަބުން އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީންކުރެވޭނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާގެ އެހީވަނީ މި ލޯންގެ ދަށުން ހަމަޖައްސާފައިކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން މިހިލޭ އެހީގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް 6,014,971.00 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅުއްވާފައެވެ. މިއީ ރައީސް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލަންޖެހެއެވެ.
އިންޑިއާއިން ހިލޭ އެހީގޮތުގައި ރާއްޖޭގައި ސަލާމަތީ ބާރުތަކުގެ ޓްރެއިނިންގ ސްކޫލްތަކަށް ވެސް އަންނަނީ އެހީވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް