ބާސެލޯނާ މޮޅުވިއިރު މެސީއަށް އަނިޔާވެ 3 ހަފްތާއަށް ކުޅުމާއި ދުރަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްޕްނިޝް ލަލީގާގައި ބާސެލޯނާ އަދި ސެވިއްޔާ ބައްދަލުކުރި މެޗު 4-2 ކުން ބާސެލޯނާ ކާމިޔާބު ކޮށްފިއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 2 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ކޯޓީނިއޯ ޖެހި ލަނޑާއެކު ބާސެލޯނާވަނީ ކުރި ހޯދާފައެވެ. އަދި އޭގެ 10 މިނެޓުފަހުން މެސީ ވަނީ ލަނޑެއްޖަހައި ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ.
މޮޅު ކުޅުމެއް ދައްކަމުންދިޔަ މެސީ ވަނީ މެޗުގެ 26 ވަނަ މިނެޓުގައި އަނިޔާވެ ދަނޑުން ބާލަން ޖެހިފައެވެ. މެސީއަށް އަނިޔާވީ ސެވިއްޔާގެ ވަޒްކޭޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ކަނާތް މައްޗައް ވެއްޓުމުގެ ސަބަބުންނެވެ.
ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނުނު މިމެޗުގައި ދެންވެސް ފެނުނީ ބާސެލޯނާ އެޓީމުގެ ލީޑު އިތުރަށް ފުޅާކުރިތަނެވެ. މިލަނޑު ބާސެލޯނާއަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ސްޓްރައިކަރު ސުއަރޭޒެވެ.
މެޗުގައި ސެވިއްޔާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑަކީ ބާސެލޯނާގެ ޑިފެންޑަރު ކްލެމެންޓް އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.
88 ވަނަ މިނެޓުގައި ރަކިޓީޗް ބާސެލޯނާގެ ލީޑް އަނެއްކާވެސް ތިން ލަނޑަށް ހަދައިދިން އިރު 90 ވަނަ މިނެޓުގައި މޫރިއެލްވަނީ ސެވިއްޔާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެޗަށްފަހު ބާސެލޯނާއިންވަނީ މެސީގެ ކަނާތުގެ ކައްޓެއް ބިނދިފައިވާކަމަށާއި ކުރިއަށް އޮތް ތިން ހަފްތާއަށް މެސީ ކުޅުމައި ދުރުގައި ހުންނަން ޖެހޭނެކަން ކަށަވަރުކޮށްދީފައެވެ.
މެސީއަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާއަށް އެލް ކްލެސިކޯގައިވެސް ނުކުޅެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް