ސްޕެއިން މެޗަށްފަހު ކޭޕް ވާޑޭގެ ގޯލް ކީޕަރުގެ އިސްޓަގްރާމް ފޮލޯވަރުން 45،000 އިން 5 މިލިއަނަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވޯލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭން ރޭ ކުޅުނު ފޯރިގަދަ މެޗަށްފަހު، އެ ގައުމުގެ ތަޖުރިބާކާރު ކީޕަރު ވޮޒީނިއާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
ރޭ ދަންވަރު ކުޅުނު މި މެޗުގެ ކުރިން ވޮޒީނިއާގެ އިންސްޓަގްރާމްގައި ތިބީ ގާތްގަނޑަކަށް 45،000 ފޮލޯވަރުންނެވެ. ނަމަވެސް، މެޗު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސްޕެއިންއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމާއެކު، އެންމެ ދެ ގަޑިއިރު ތެރޭގައި ފޮލޯވަރުންގެ އަދަދު 2.7 މިލިއަނަށް އެރިއެވެ. އަދި މިހާރު މި އަދަދު ވަނީ 5 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

މި މެޗުގައި ސްޕެއިންއިން ކޭޕް ވާޑޭގެ ގޯލަށް 27 ހަމަލާ ފޮނުވާލިއިރު، އޭގެ ތެރެއިން 7 ހަމަލާއެއް ގޯލާ ސީދާވިއެވެ. އީ.އެސް.ޕީ.އެންގެ ހިސާބުތަކުން ދައްކާގޮތުގައި ސްޕެއިންއަށް މި މެޗުގައި 2.10 ގެ އެކްސްޕެކްޓެޑް ގޯލް ރޭޓެއް އޮތެވެ. ނަމަވެސް ވޮޒީނިއާ ވަނީ ހިތްގައިމު ސޭވްތަކަކާއެކު ސްޕެއިންގެ ހަމަލާތައް ހުއްޓުވައި، ގޯލު ސަލާމަތްކޮށްދީފައެވެ.

މި ނަތީޖާއާއެކު 0-0 އިން މެޗު އެއްވަރުވިއިރު، މިއީ ކޭޕް ވާޑޭގެ ތާރީޚުގައި ވޯލްޑް ކަޕްގައި އެ ގައުމުން ހޯދި ފުރަތަމަ ޕޮއިންޓެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވޮޒީނިއާ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ މެޗު ނިންމާލި އެންމެ ދުވަސްވީ ކީޕަރަށެވެ.

މެޗަށްފަހު ދިން އިންޓަވިއުއެއްގައި ވޮޒީނިއާ ވަނީ އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް އައި ކުއްލި ބޮޑު ބަދަލާ މެދު ހައިރާންކަން ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް