މެރާާކި ކޮފީ ރޯސްޓާސް ގެ ބިއްލޫރިގަނޑު ތަޅާލައިފި
މާލޭގެ ގިނަބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކޮފީ ޝޮޕެއްކަމުގައިވާ މެރާކި ކޮފީ ރޯސްޓާސްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.
ވޮއިސްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މެރާކީގެ ދޮރު ޖެހިގެން އިންނަ ބެންޗްގެ ފަހަތުގައިވާ ބިއްލޫރި ގަނޑުވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ.
މި ފޮޓޯ ވޮއިސްއަށް ހިއްސާކުރި ފަރާތުން ބުނިގޮތުގައި މިރޭ 23:30ހާއިރު އެފަރާތުން އެ ސަރަހައްދުން ދިޔައިރު، އެތަނުގެ ބޭރު ބިއްލޫރިގަނޑު ތަޅާލައިފައިވެއެވެ. އޭރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔައިރު، އެތަނުގައި ތިބި ފަރާތްތަކުން ތިބީ ބޭރުގައި ކަމަށްވެއެވެ.
އަދި މެރާާކީގެ ދޮރުކައިރީގައި ބޭއަދަބީ ބަހުން އަންހެނުން ފިރިހެނުންނަށް ނުވުމަށާއި، ފިރިހެނުން އަންހެނުންނަށް ނުވުމަށް ބުނެފައިވާ ނޯޓެއްވަނީ ހިއްޕާފައެވެ. ފާާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މެރާކީގައި މަސައްކަތް ކުރާ ބަރިސްޓާއެއްކަމުގައިވާ އީނާސް ހެދުން އަޅަމުންދާ ގޮތާއި މެދު ގިނަބަޔެއްގެ ފާާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވާާ ދުވަސްވަރެކެވެ.
އެ މަންޒަރުދުށް މީހަކު ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ 'ސަން' އަށް މައުލޫމާތު ދެމުންބުނީ ސައިކަލުތަކެއްގައި އައި ބަޔަކުގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި ކަމަށެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެއްލީ ކަމަށް އެމީހާ ބުންޏެވެ.
މެރާކި އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހުރި މަބްރޫކް އަޒީޒްގެ ހިއްސާ އޮންނަ ތަނެކެވެ. މިކަމާއި ގުޅޭގޮތުން ފުލުުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް