ރާއްޖޭގެ ޖަލުތަކަކީ އަލްގައިދާއަށް މީހުން ރެކްރޫޓް ކުރާ ކިއްލާއެއް: ނަޝީދު
ރާއްޖޭގެ ޖަލުތަކަކީ އަލްގައިދާއަށް މީހުން ރެކްރޫޓު ކުރާ ކިއްލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ޖަލުގައި ތިބި ބާރަ ގައިދީއެއްގެ އާއިލާއިން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއް، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓު ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކޮމެޓީން ދިރާސާކުރުމަށްފަހު، ޖަލުގައި ހުރި ނުރަނގަޅު ކަންތައްތައް ފާހަގަކޮށް އެކުލަވައިލާފައިވަނީ ދެ ސަފުހާގެ ރިޕޯޓޓެކެވެ.
އެ ރިޕޯޓުގައިވާ ކަންތައްތައް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ޖަލުގެ ހާލަތު އެމަނިކުފާނަށްވުރެ ވަކިން ބޮޑަށް އެނގޭނެ އެހެން އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.
''ދިވެހި ރާއްޖޭގެ ޖަލަކީ އަލްގައިދާ އާއި ހަނގުރާމައަށް އެކިއެކި ޓެރަރިސްޓް ހަނގުރާމައަށްދާ މީހުން ރެކްރޫޓު ކުރާ ކިއްލާއަކަށްވެފައި އޮތް ތަނެއް. ދިވެހި ރާއްޖޭގެ ޖަލަކީ ޑްރަގުގެ ވިޔަފާރިއާއި އަދި އެހެންވެސް ހުރިހާ ބާވަތެއްގެ ކަންކަންވެސް އެތަން މެދުވެރިވެގެން ހިނގާ ތޮއްޖެހިފައިވާ ތަނެއް.'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ޖަލުގެ ހާލަތު ބަޔާންކޮށް އެމަނިކުފާނަށް އޮޅުން ފިލުވައިދިނުމަށް އިތުރު މާހިރަކު ބޭނުން ނުވާކަމަށާއި އެމަނިކުފާނުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީ ޖަލުގައި ކަމަށެވެ.
ނަޝީދު ވިދާޅުވީ ޖަލުގައި ހުރި މީހެއްގެ އަނބިމީހާ ދަރިފުޅު ގޮވައިގެން މެންބަރުން ކާރިޔަށް ގޮސް، އޭނާގެ ފިރިމީހާ ޖަލުގައި އޮންނަތާ ބާރަ އަހަރުވެއްޖެ ކަމަށް ބުނުމުން، މެންބަރުންގެ ޒިންމާއަކީ ޖަލުގައި ހުރި މީހާގެ އައިޑީކާޑު ނަންބަރު ޖަލާއި ހަވާލުވެ ހުރި މީހާއަށް ފޮނުވައިލުން ކަމަށެވެ.
އެކަން އެގޮތަށް ނުކުރުމަށް މެންބަރުންނަށް އިލްތިމާސްކުރައްވައި ނަޝީދު ވިދާޅުވީ އެފަދަ ކަންކަން ނުކުރެވޭ ގޮތަށް ސަރުކާރުން އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް