ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމެއް ރ.ދުވާފަރުގައި ފަށައިފި
ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމެއް ރ.ދުވާފަރުގައި ފަށައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން މިއަދު ފެށި މި ފޯރަމާއި ގުޅޭ ގޮތުން މިނިސްޓްރީން ބުނީ، މިއީ ޒޯން 2 ގެ 45 ރަށަކުން އަތޮޅުކައުންސިލްތަކާ ރަށުކައުންސިލްތަކުން 96 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ، މި ފޯރަމްގެ މައިގަނޑު އެއް ބޭނުމަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިރަށްތަކުގެ ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރުމާއި ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތާއި ބެހޭ މައުލޫމާތުން ބައިވެރިންނާއި ހިއްސާކުރުންކަމަށެވެ.

މިހާރު ވެމްކޯއާއި އެއްކޮށް ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއި ނުކޮށް ހުރިރަށްރަށަށް އެފުރުސަތު ފަހިކޮށްދިނުންވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މިއީ މިސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން ދިވެހި ދައުލަތުގެ ބަޖެޓުންނާއި ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.
ހަމައެއާއިއެކު، މި ފޯރަމް އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްވެ ހަރަކާތްތެރިވަނީ ރ. ދުވާފަރު ކައުންސިލްގެ ފަރާތުންކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް