ޕީއެސްއެމް އަށް އިތުރު 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދެނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރިޔާސީ އިންތިހާބުގެ ކަންކަން ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި ޕީއެސްއެމްގެ ފަރާތުން ހޭދަކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ ބަޖެޓަށް އެތުރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އަންގައިފިއެވެ.
ރައީސް އޮފީހުން މިހެން އަންގަވާފައިވަނީ މި ނޮވެމްބަރު މަހު ހަތަރެއްގައި އެއޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް އެފެއަޒް، މުހައްމަދު ލުވޭޒް ސޮއިކުރައްވައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވާފައިވާ ސިޓީއެއްގައި ކަމަށްވެއެވެ.
މިއީ ޕީއެސްއެމުން މި އަހަރުގެ ތެރޭގައި ކޮށްފައިވާ ބައެއް ހަރަދުތަކަށް ދައުލަތުގެ ބަޖެޓުން ލިބެން ޖެހޭ ފައިސާ އެ ކުންފުންޏަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ބަޔާންކޮށް، އެ ފައިސާ ލިބޭނެ ގޮތް ހަމަޖައްސަަވައިދެއްވުން އެދި ޕީއެސްއެމުން ރައީސް އޮފީހަށް ސިޓީއަކުން އެދިފައިވަނިކޮށް ރައީސް އޮފީހުން ފިނޭންސްއަށް ފޮނުވި ސިޓީއެކެވެ.
އެ ސިޓީގައި ލުވޭޒު ވަނީ ޕީއެސްއެމުގެ ސިޓީގައިވާ މައްސަލައާ ގުޅޭ ގޮތުން އަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ގޮތް ފިނޭންސް މިނިސްޓަރަށް އަންގަވައިފަ އެވެ.
އެގޮތުން ފާހަގަކުރައްވައިވާ ދެކަމަކީ ރިޔާސީ އިންތިހާބުގެ ކަވަރޭޖުގެ ހަރަދު ތަކުގެ ބިލުތައް ދެއްކުމަށް 10،629،745 ރުފިޔާ އެ ކުންފުނީގެ ބަޖެޓަށް އިތުރުކޮށްދެއްވުމަށާއި މި އަހަރަށް ފާސްކުރި ބަޖެޓުގައި ކެޕިޓަލް އިންވެސްޓްމެންޓަށް 20 މިލިއަން ރުފިޔާ ޕީއެސްއެމަށް ދޫކުރުމަށެވެ.
ކެޕިޓަލް އިންވެސްޓްމެންޓަށް 20 މިލިއަން ރުފިޔާ އަށް ބަރޯސާވެ، ޕީއެސްއެމުން ވަނީ ގިނަ ހަރަދުތަކެއް ކޮށްފައި ކަމަށާއި އެގޮތުން ޓީވީ އިމާރާތުގެ އާބާތުރަ ފިލުވުމާއި ޓީވީ އާއި އަޑުގެ ހިދުމަތް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ އިތުރުން ބައެއް އިކުއިޕްމެންޓުތަކާއި ވެހިކަލް މަރާމާތުގެ މަސައްކަތް ތަކެއްވެސް ވަނީ ކޮށްފަކަމަށް އެ ސިޓީގައިވެއެވެ.
ފިނޭންސް މިނިސްޓަރަށް އަންގަވައިވަނީ އެ ހަރަދުތަކުގެ ތަފްސީލު ދެނެގަނެ، އެ ފައިސާ މި އަހަރުގެ ބަޖެޓުގެ ތެރެއިން ދޫކުރެވެން އޮތްތޯ ބެލުމަށް ފަހު އެ މައްސަލައިގައި އަމަލުކުރަން ހުށަހަޅާ ގޮތުގެ މައުލޫމާތާ އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގުމަށެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް