ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ދެވިގެން ނުވާނެ: ޝައިޚު އަބްދުﷲ
ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ދެވިގެން ނުވާނެ ކަމަށާއި އެކަމަކީ މާތް ﷲ ހަރާމް ކުރެއްވި ކަމެއް ކަމަށް ޖަމުއިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚު އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާތް ﷲ ހަރާމްކުރެއްވި ކަމެއް އަލަށް ރާއްޖެއަށް ތައާރަަފުކުރުމަކީ މުޅި ދިވެހި ޖީލުގެ ހައްގުގައި ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.
އަދި ފާފައެއް އަލަށް ތައާރަފުކޮށްފި މީހަކަށް ދެން ފަހުން ބައިވެރިވާ އެންމެންގެ ފާފަވެސް ބޮލުގައި އެޅޭނެ ކަމަށް ޝައިޚު އަބްދުﷲ ވިދާޅުވިއެވެ.
ޝައިޚު އަބްދުﷲ މިފަދައިން ޓުވީޓު ކުރެއްވި އިރު، ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސްވެސް ވިއްކާ ކަމަށާއި އެއުސޫލުން ކެސީނޯވެސް އެޅިދާނެއެވެ. އަދި ކެސީނޯއަށް ދިވެހިންނަށް ނުވަދެވޭގޮތައް ވެސް ހެދޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ކެސިނޯ ހިންގަން ފެށުމުން އާމްދަނީގެ ގޮތުގައި މަހަކު ހަ ބިލިއަން ޑޮލަރު ލިބޭއިރު، އޭގެތެރެއިން ދެ ބިލިއަން ޑޮލަރަކީ ސީދާ ދައުލަތަށް ވަންނާނެ ފައިސާ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.
ކެސީނޯ އެޅުމާއި ދެކޮޅަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވާހަކަ ދެއްކެވި އިރު، 2013 ވަނައަހަރުގެ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު ސްރީލަންކާގެ ހާމުދުރަކު ވަނީ ލަންކާގެ އިޖުތިމާއީ ފޭރާން ހަލާކުވެގެން ދިޔައީކެސީނޯތައް ގިނަވުމުން ކަމަށް ބުނެ، ރާއްޖެއިން މިސާލު ނެގުމަށް ގޮވާލާފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށްފައި ވަނީ ކެސީނޯއާއި ނުލައި ކަމަށް ހާމުދުރު ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް