ޓެރަރިޒަމްގެ ކުށުގައި އަފްޣާނިސްތާނުގައި ދިވެއްސަކު 21 އަހަރަށް ޖަލަށް!
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޚޮރާސަން ގައި ބައިވެރިވި ދިވެއްސަކު 21 އަހަރަށް ޖަލަށްލުމަށް އެގައުމުން ހުކުމްކޮށްފިއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ކ.މާލެ/ހ.މޫންލައިޓްވެލީ އަލީ ޝާފިއުއެވެ. ފުލުހުން ބުނީ އޭނާއަކީ ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ ފަރާތެއްކަމަށެވެ.
އެގޮތުން 2015ވަނަ އަހަރުގައި ޝާފިއުއާއި އޭނާގެ ދަރިފުޅާއި ކުރީގެ އަންހެނުން ތުރުކީ މަގުން ސީރިޔާއަށް ފުރަން އުޅެނިކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހިފެހެއްޓިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ބ.ހިބަޅިދޫ މައްސަލައިގައި އޭނާ ހައްޔަރުކުރެވި، ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތުމުން ދޫކޮށްލިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އޭގެ ފަހުން އޭނާ ވަނީ އަނބިންނާއި ހަތަރު ދަރިންނާއި އެކުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް، އެތަނުން ޕާކިސްތާނަށްގޮސް، އަފްޣާނިސްތާނަށް އެތެރެވެފައެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ އެގާރަވަނަ ދުވަހު ޝާފިއުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ލިބުނު ކަމަށެވެ. އަދި އޭނާ އަފްޣާނިސްތާނަށް ދަތުރުކުރީ އައިއެސް-ކޭ އާއި ގުޅުމަށްކަމަށާއި އޭނާގެ އަތުން ނެގުނު ޑިޖިޓަލް ޑިވައިސަކުން ޕްރޮޕެގެންޑާ ވީޑިޔޯތަކެއް ފެނުނުކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގެ މައުލޫމާތު ލިބުމާއި އެކު އެގައުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާާއި ގުޅިގެން މައްސަލަ ގާތުން ބަަލަމުންދިޔަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންނާއި އަފްޣާން ފުލުހުންގެ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންދެވި، ޝާފިއު އަފްޣާނަށް ފޮނުވުމުގައި ހަަރަކާތްތެރިވި ނެޓްވޯކްގެ މައުލޫމާތު ހިއްސާކުރެވިފައިވާނެކަމަށް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް