އެންޓި-ޑިފެކްޝަން ގާނޫނު އުވާލަން ކޮމެޓީން ތާއިދު!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރެެއްގެ ގޮތުގައި ހުރެ ސިޔާސީ ޕާޓީ ބަދަލުކުރުމުން، މަޖިލީހުގެ މެންބަރުކަމުން ވަކިވާ އެންޓި-ޑިފެކްޝަން ގާނޫނު އުވާލުމަށް ފެންނަކަމަށް މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.
މި ގާނޫނު އުވާލުމަށް ފެންނަކަމަށް ފާސްކުރީ މި ގާނޫނު އުވާލުމަށް މިއަދު މަޖިލީހަށް ހުށައެޅި ބިލް ދިރާސާކުރުމަށް ފޮނުވި ހަތް މެންބަރުންގެ ޚާއްސަ ކޮމެޓީންނެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަަޝީދު ހުށައެޅުއްވި މި ބިލް ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްވީ 30 މެންބަރުންގެ ވޯޓުންނެވެ. މި ބިލް ބަލައިގަތުމަށް ނުފެންނަކަމަށް 4 މެންބަރަކު ވޯޓުދެއްވިއެވެ.
މި ބިލް ހުށައަޅުއްވަމުން ރިޔާޒް ރަޝީދު ވިދާޅުވީ އެންޓި-ޑިފެކްޝަން ގާނޫނު އޮވުމުގެ ސަބަބުން މަޖިލީސް މެންބަރުންގެ ހައްގުތަކަށް ގެއްލުންވާކަމާއި، ގާނޫނު އަސާސީއާއި ތައާރުޒުވާކަންކަން މި ގާނޫނުގަައި ވާކަމަށެވެ.
"މެންބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ވަރަށް ސާފުއިބާރާތުން ލިޔެފައި އެބައޮތް. މި ބިލު އޮތުމުގެ ސަބަބުން މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރެވޭކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތްކަމެއް،" މި ބިލް ހުށައަޅުއްވަމުން ރިޔާޒް ވިދާޅުވިއެވެ.
އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން މިދިޔަ އަހަރު ގޮނޑި ގެއްލުނު ހުރިހާ މެންބަރުންގެ ގޮނޑިތައް، ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ. މި ގާނޫނު އުވާލުމުގެ ސަބަބުން މަޖިލީހުގައި ކޮރަޕްޝަނާއި ޕާޓީ ބަދަލުކުރުން އިތުރުވެދާނެކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް