އެމްއެންޔޫ ބިޒްނަސް ސްކޫލުން ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލުން ތާޖުއްދީން ސްކޫލުގެ ގްރޭޑު 8 ގެ 130 ދަރިވަރަކަށް އަމާޒުކޮށް ކިޔެވުމުގެ މިސްރާބު ކަނޑައެޅުމުގައި އެހީތެރިވެދިނުމަށް ކެރިއާ ގައިޑެންސް ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަނުގެ ބޭނުމަކީ ދަރިވަރުން ކިޔެވުމުގެ ސްޓްރީމާއި އިޚުތިޔާރީ މާއްދާތައް ނެގުމުގެ މަރުޙަލާއަށް ތައްޔާރުވާއިރު އެ ކުދީންގެ ޝައުގުވެރިކަމާއި ޤާބިލުކަމާއި މުސްތަޤުބަލުގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވައި ޢަމަލީ ލަފާ ފޯރުކޮށްދިނުމެވެ. ސެޝަނުގައި ސައިންސް ބިޒްނަސް އަދި ބީޓެކް ސްޓްރީމްތަކާ ގުޅޭ މަޢުލޫމާތު ދަރިވަރުންނާ ޙިއްޞާކޮށް ކޮންމެ ސްޓްރީމެއްގެ ފައިދާތަކާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ވަޒީފާގެ ދާއިރާތައް ތަޢާރަފްކޮށްދީފައިވެއެވެ.
އިޚުތިޔާރީ މާއްދާތައް ނެގުމާ ގުޅޭ ގޮތުންވެސް ޢަމަލީ ލަފާ ސެޝަނުގައި ދީފައިވެއެވެ. އެ ގޮތުން ކޮމްޕިއުޓާ ސައިންސާއި ޓްރެވެލް އެންޑް ޓޫރިޒަމާއި މެރީން ސައިންސާއި އިކޮނޮމިކްސް ފަދަ މާއްދާތަކާ މެދު ޚާއްޞަ ސަމާލުކަމެއް ދީ އެ މާއްދާތަކުން ހުޅުވިގެންދާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ފުރުޞަތުތައް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. ތަފާތު ސްޓްރީމާއި މާއްދާ ކޮމްބިނޭޝަންތަކާ ގުޅިފައިވާ މަތީ ތަޢުލީމުގެ ޕްރޮގުރާމްތަކާއި ކެރިއާ މިސާލުތައްވެސް ދަރިވަރުންނަށް ދައްކާލާފައިވެއެވެ.
މި ހަރަކާތަކީ ދެމެހެއްޓެނިވި ތަރައްޤީގެ ހަތަރު ވަނަ ލަނޑުދަނޑި ކަމުގައިވާ ފެންވަރު ރަނގަޅު ތަޢުލީމާއި އަށް ވަނަ ލަނޑުދަނޑި ކަމުގައިވާ ރަނގަޅު ވަޒީފާ އާއި އިޤުތިޞާދީ ކުރިއެރުމާއި 17 ވަނަ ލަނޑުދަނޑި ކަމުގައިވާ ޕާޓްނާޝިޕް ހަރުދަނާކުރުމަށް އެހީތެރިވެދޭ މަސައްކަތެއް ކަމަށް އެމްއެންޔޫ އިން ފާހަގަކޮށްފައިވެއެވެ. ތާޖުއްދީން ސްކޫލާ ގުޅިގެން ހިންގި މި ހަރަކާތާ މެދު އެ ޔުނިވާސިޓީން ހިތްހަމަޖެހުން ފާޅުކޮށް ދަރިވަރުންނާއި މުދައްރިސުންގެ ބައިވެރިވުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
ޒުވާނުންގެ ކެރިއާ ހޭލުންތެރިކަމާއި ތަޢުލީމީ ކުރިއެރުމަށް މި ފަދަ ޕާޓްނާޝިޕްތައް އިތުރަށް ވަރުގަދަކޮށް ސެކަންޑަރީ ތަޢުލީމާއި މަތީ ތަޢުލީމާއި ވަޒީފާގެ ބާޒާރާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް