ރާއްޖެ އޮތީ ޗައިނާއަށް 3 ބިލިއަން ޑޮލަރަށް ދަރާފަ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖެ އޮތީ ޗައިނާއަށް 3 ބިލިއަން ޑޮލަރަށް ދަރަނިވެރިވެފައި ކަމަށް އެމެރިކާގެ ލޮސް އޭންޖެލެސް ޓައިމްސްއިން ރިޕޯޓް ކޮށްފިއެވެ.
އެލްއޭ ޓައިމްސްއިން ބުނެފައިވާ ގޮތުގައި ފާއިތުވި 5 އަހަރު ހުދުމުހުތާރު ވެރިކަމެއް ކުރެއްވި އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއްވެސް ބެލުމެއް ނެތި ހިންގާފައިވާ މަޝްރޫއުތަކާހެދި ރާއްޖެ ބިލިއަނުން ޗައިނާއަށް ދަރާފަވާކަމަށެވެ.
އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ސެޕްޓެންބަރު 23 ގައި ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޗައިނާގެ އެމްބެސެޑިރާއި ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލުވުމުން ރާއްޖެ ދަރަނީގެ ގޮތުގައި ޗައިނާއަށް ދޭން ޖެހިފައި އޮތީ 1.5 ބިލިއަން ޑޮލަރުގެ ބަދަލުގައި ޖުމްލަ 3 ބިލިއަން ޑޮލަރު ކަން ހާމަވިކަމަށްވެސް އެލްއޭ ޓައިމްސްއިން މައުލޫމާތު ދެއެވެ.
މިއީ ދިވެހި ދައުލަތުން ދެ އަހަރުތެރޭ ހޯދާ އާމްދަނީއައި ނުބައްދަލު އަދަދެއް ކަމަށާއި އަދި މިއީ ޗައިނާއިން ކުދި ގައުމުތައް ލޯނު ދީގެން ދަރަނިވެރި ކުރުވާގޮތުގެ ލާމަސީލު މިސާލެއް ކަމަށްވެސް އެލްއޭ ޓައިމްސްގައިވެއެވެ.
މިއަދު ރާއްޖެ ޗައިނާގެ އަތްދަށު ވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށްފަހު ކޮރަޕްޝާނާމެދު ކުރެވޭ ތުހުމަތުތައް ނައްތާލަން ރައީސް ޔާމީން ކުރި މަސައްކަތްތަކުގެ ސަބަބުން ކަން ފާހަގަކުރަމުން ޒިންމާދާރު ކުރުވާނެ ފަރާތެއް ނެތި ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖޭގެ ވެރިރަށް މާލެ ކައިރިގަ އޮތް ރަށެއް ވަރަށް ހެޔޮ އަގުގައި ޗައިނާއަށް ދީފަވާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ މި ރިޕޯޓްގައި ކުރެވިފައެވެ.
އިންޑިއާ ކަނޑުގައި ބައި މިލިއަނަށް ވުރެ މަދު އާބާދީއަކައި އެކު އޮތް ރާއްޖޭގައި އެއްވެސް ޒަމާނެއްގައި ނުފެންނަ ވަރުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގަން ފަށާފައިވަނީ ބިޑް ކުރުމަކައި ނުލާ، ނުއަގުގައި އަދި ސިއްރުކަން ބޮޑު ގޮތެއްގައި ކަމަށާއި މިކަންކަމުގެ އިތުރު މައުލޫމާތައި ތަފްސީލުތައް އާންމުންނަށް ލިބެން ފަށާނީ އިބްރާހިމް މުހައްމަދު ސޯލިހް ނޮވެންބަރު 17 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައީސްކަމައި ހަވާލު ވުމުންކަމަށް މި ރިޕޯޓްގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް