އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓޭ ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ރާއްޖެ ވަޑައިންނަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ކަންތައްތައް ބެލެހެއްޓުމަށް އެމެރިކާއިން ގާއިމްކޮށްފައި ހުންނަ ބިއުރޯގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އެލިސް ވެލްސް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅުގައި އެލިސް އަވައްޓެރި ސްރީލަންކާއަށް ވެސް ވަޑައިގަންނަވާނެ އެވެ.
އެލިސް މިމަހުގެ 9 ވަނަ ދުވަހު ރާއްޖެއާއި ލަންކާ އަށް ކުރާ 3 ދުވަހުގެ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ބައްދަލުކުރައްވައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެލިސް ވެލްސްގެ މި ދަތުރުފުޅަކީ ރާއްޖެ، ލަންކާ އަދި އެމެރިކާގެ ގުޅުން ހަރުދަނާކޮށް، އިންޑިއާ ކަނޑުގެ ސުލްހަ ދެމެހެއްޓުމަށްޓަކައި އެމެރިކާގެ ރޯލު ފުޅާކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވިގެންދާނެ ދަތުރުފުޅެކެވެ.
އެމެރިކާގެ ސަރަހައްދީ ސަފީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެމެރިކާއިން ވަނީ މިދިޔަ މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ މެދު ހިތްހަމަޖެހުން ފާޅުކޮށް، އިންތިހާބުން ކާމިޔާބު ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔާފައެވެ. އަދި ދިފާއީ ކަންކަމާއި އަމާންކަމާއި ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި އާ ސަރުކާރާއެކު ގުޅުން ވަރުގަދަ ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް