ކުއްލި ކެބިނެޓް ބައްދަލްވުމެއް ނެތް، ދޮގު ހަބަރު ފެތުރި މައްސަލަ ހުށައަޅަނީ: ތަރުޖަމާން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ފަށާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. މި މައްސަލާގައި ދައުލަތުގެ ސްޓޭންޑަކީ އެ މައްސަލަ ކޯޓަށް ނުބޭލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ފަށާފައިވާ ކަމަށް ބުނެ ނޫހަކުން ވަނީ ހަބަރު ފަތުރާފަ އެވެ. އެ ހަބަރާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ހީނާ ވިދާޅުވީ އެއްވެސް ސައްހަ ކަމެއް ނެތި މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް