އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށައެޅި ބިލް ބަލައިގަނެފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އިންތިޚާބުވެ ވަޑައިގަންނަވާ ޕާޓީން ވަކިވެވަޑައިގަތުމުން، އެބޭފުޅުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށައެޅި ބިލް މަޖިލީހުން ބަލައިގަނެފިއެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަަޝީދު ހުށައެޅުއްވި މި ބިލް ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްވީ 30 މެންބަރުންގެ ވޯޓުންނެވެ. މި ބިލް ބަލައިގަތުމަށް ނުފެންނަކަމަށް 4 މެންބަރަކު ވޯޓުދެއްވިއެވެ.
މި ބިލް ހުށައަޅުއްވަމުން ރިޔާޒް ރަޝީދު ވިދާޅުވީ އެންޓި-ޑިފެކްޝަން ގާނޫނު އޮވުމުގެ ސަބަބުން މަޖިލީސް މެންބަރުންގެ ހައްގުތަކަށް ގެއްލުންވާކަމާއި، ގާނޫނު އަސާސީއާއި ތައާރުޒުވާކަންކަން މި ގާނޫނުގަައި ވާކަމަށެވެ.
"މެންބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ވަރަށް ސާފުއިބާރާތުން ލިޔެފައި އެބައޮތް. މި ބިލު އޮތުމުގެ ސަބަބުން މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރެވޭކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތްކަމެއް،" މި ބިލް ހުށައަޅުއްވަމުން ރިޔާޒް ވިދާޅުވިއެވެ.
އެންޓި-ޑިފެކްޝަން ގާނޫނާއި މެދު އަބަދުވެސް ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވާ ރިޔާޒް ވިދާޅުވީ، އެބިލަށް ވޯޓު ދެއްވުމަކީ އެމަނިކުފާނުގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަމަށެވެ.
އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން މިދިޔަ އަހަރު ގޮނޑި ގެއްލުނު ހުރިހާ މެންބަރުންގެ ގޮނޑިތައް، ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ. މި ގާނޫނު އުވާލުމުގެ ސަބަބުން މަޖިލީހުގައި ކޮރަޕްޝަނާއި ޕާޓީ ބަދަލުކުރުން އިތުރުވެދާނެކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް