ރައީސް ސޯލިހު ނޭޝަނަލް ޗެސް އާކޭޑް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނެޝަނަލް ޗެސް އާކޭޑް މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ، މިނީ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވުމުގެ ގޮތުން ފުރަތަމަ ބޯޑުގެ ކުޅުން ފަށްޓަވައިދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނެޝަނަލް ޗެސް އާކޭޑަކީ ޗެސް ކުޅުމަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސަވައިދެއްވި ހޯލެކެވެ.
މީގެ ކުރިން ރާއްޖޭގައި ޗެސް ކުޅުމަށް މިފަދަ ޚާއްޞަތަނެއް ނުހުންނަ ކަމަށާއި މި ފަދަ ތަނެއް ހުޅުވިގެން ދިއުމަކީ މުބާރާތްތަކަށް ޗެސްކުޅޭ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.
ހުޅުމާލެ، މިނީ ސްޕޯޓްސް ކޮންމްޕްލެކްސްއަކީ ނިމި ދިޔަ ސަރުކާރުން ހުޅުމާލެގައި އިމާރާތްކޮށްފައިވާ ކޮންޕެލެކްސްއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް