އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޙަރަކާތްތަކުގެ ތެރެއިން ބާއްވާ ޚާއްސަ ފެއާ ކުރިއަށްދާނީ މި ޖުލައި މަހުގެ 10 އަދި 11 މި ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މަސްޖިދުލްމަލިކި ސަލްމާނު (ސަލްމާނު މިސްކިތު) ގެ މާބުލް އޭރިއާގަ އެވެ. ހުރިހައި ޢުމުރުފުރައަކަށް ޢާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއާގައި ކުޑަކުދީންނަށް ޚާއްސަ ކުޅިވަރު ޙަރަކާތްތަކާއި، ޚާއްސަ އިނާމުތަކާއި ހަދިޔާތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ސްޓޯލްތަކާއި ތަފާތު ރަހަމީރު ކާބޯތަކެތި ލިބޭނޭ ސްޓޯލްތަކުގެ އިތުރަށް ޚާއްޞަ ޢިލްމީ ސެޝަންތައް ވެސް ކުރިއަށް ދާނެ އެވެ.
މިއަދު, އިސްލާމީ ކުތުބުޚާނާގައި "ފޮތެއްގެ މަންހަޖީ ހުށައެޅުމެއް" މި މަޢުޟޫޢަށް ޑރ. އާމިނަތު ރިޔާޒުގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ހޮނިހިރު ދުވަހު ހަވީރު 17:00 ގައި އިސްލާމީ ކުތުބުޚާނާގައި ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ޑރ. ސަޢުދުﷲ ޢަލީ ނަންގަވައިދެއްވާ ސެޝަނުގެ މަޢުޟޫޢަކީ "ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް" މި މަޢުޟޫޢެވެ.
އިސްލާމީ ކުތުބުޚާނާ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މަޤުޞަދަކީ، ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމަށް ޢާއްމުންނަށް ހިއްވަރުދީ އެ ކަމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް