އެއަރޕޯޓް އެކްސެލެންސް ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަށައިފި.
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އެއަރޕޯޓް އެކްސެލެންސް ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަށައިފިއެވެ.
މިއެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާރމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު، އޭ.ސީ.އައިގެ އެޕެކްސް ޓީމް ލީޑަރ ގޭރީ ބައުޑަން އަދި އެމް.އޭ.ސީ.އެލްގެ އިސްބޭފުޅުންނާއި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ، "އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަޤުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތްބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސެސްމަންޓް 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ ކަމަށެވެ.
އަދި މި އެއަރޕޯޓުގެ ޚިދުމަތްތައް ހޯދާ އެއަރލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ސީ.އީ.އޯ ވިދާޅުވީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ. އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއަރޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީ.އައި.އޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

މި އެސެސްޓްމެންޓް ކުރިއަށްގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގައެވެ. އެމްއޭސީއެލުން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށެވެ.
އެގޮތުން، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭ.ސީ.އައި)، އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެއަރޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް