12 މެންބަރުން މަސީހާާއި ދެކޮޅަށް ފުލުހަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުއާއި ދެކޮޅަށް ގިނަ މައްސަލަތަކެއްގައި، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ދާދިފަހުން ގޮނޑި ނުގެއްލޭކަަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުން، ފުލުހުންނަށް މައްސަލަ ހުށައަޅައިފިއެވެ.
12 މެންބަރުން ސޮއިކޮށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ގާާނޫނު އަސާސީގެ ދަށުން 90 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިމްތިޔާޒުތަކާއި ޚިލާފަށް މަސީހު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އެ މެންބަރުންނަށް މަޖިލީހަށް ވަނުން މަނާކޮށްފައިވުމާއި މަޖިލީހުގެ 12 މެންބަރުން މަޖިލީހުގެ ގޭޓުމަތިން އުކާލައި، މެންބަރުންގެ ގަޔަށް އަރައި މާރާމާރީ ހިންގުމަށް ޖާގަދީ، އެކަން ހުއްޓުވަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރުމުން އެއީ މަސީހުގެ ބައިވެރިވެގެން ކުރި އަމަލެއް ކަމުގައި ދެކޭކަމަށެވެ.
އަދި މެންބަރުންނަށް އަނިޔާކޮށް، ޖަލުގެ ކުޑަގޮޅީގައި އަނިޔާ ލިބެމުންދިޔަ އިރު މަޖިލީހުގެ ރިޔާސަތުން އެކަމަށް ބީރު ކަންފަތެއްދީ އެ މުއްދަތުގައި ސިޔާސީ ރެލީތަކުގައި އެފަރާތްތަކަށް ހަޖޫޖަހާފައިވާ ކަމަަށްވެސް އެ މައްސަލަ ހުށައަޅާފައިވާާާ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް މަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން މެންބަރުންނަށް މަންފާ ދިނުމަށް، 12 މެންބަރުންނަށް އެކި ކަންތައްތައް ހުށައަޅާފައިވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށްވެސް ފުލުހުންގެ ކިބައިން މެންބަރުން ވަނީ އެދިފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައެޅުމަށް ފަހު މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން މަޑުއްވަރީ ދާއިރާާާގެ މެންބަރު ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހެޅީ ހަމަ އެކަނި 12 މެންބަރުންގެ ޒާތީ މަސްލަހަތު ހިމާޔާތް ކުރުމަށް ނޫންކަމަށެވެ.
އެންޓި-ޑިފެކްޝަން ގާނޫނާއި ގުޅިގެން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެއީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު އާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް