ތޫފާން ޑިޓްވާގެ ސަބަބުން ހާލުގައިޖެހުނު ލަންކާގެ ދަރިވަރުންނަށް އައިއޭސީން ސުކޫލް ސާމާނު ފޯރުކޮށްދީފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިރުދެކުނު އޭޝިއާގެ ގައުމުތަކަށް މިދިޔަ ނޮވެންބަރު މަހު ކުރިމަތިވި ބާރުގަދަ ތޫފާން 'ޑިޓްވާ'ގެ ސަބަބުން ފެންބޮޑުވެ، ގެދޮރާއި ތަކެތި ގެއްލުނު ސްރީލަންކާގެ ދަރިވަރުންނަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ސްކޫލް ސާމާނު ހަދިޔާކޮށްފިއެވެ.
އައިއޭސީން ބުނި ގޮތުގައި މި އެހީގެ ދަށުން ދަރިވަރުންނަށް ބޭނުންވާ ފޮތާއި، ދަބަހާއި, ލަންޗް ބޮކްސް، ފެންފުޅި އަދި އެހެނިހެން ސްޓޭޝަނަރީޒް ވަނީ ފޯރުކޮށްދީފައެވެ.

މިއީ ތޫފާނުގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް އައި ހީނަރުކަމާ ގުޅިގެން، ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.
މިދިޔަ ނޮވެންބަރު މަހު އެރި ތޫފާން 'ޑިޓްވާ' އަކީ އާދަޔާ ހިލާފަށް ބާރުގަދަ ތޫފާނެކެވެ. މި ތޫފާނުގެ ސަބަބުން ސްރީލަންކާގެ އެކި ސަރަހައްދުތަކުން 219,000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަސަރުތައް ކޮށްފައިވެއެވެ.

އަދި މި ގުދުރަތީ ކާރިސާގައި 600 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ބައެއްގެ އަމިއްލަ ގެދޮރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ތޫފާން އެރި ދުވަސްވަރުވެސް އައިއޭސީން ވަނީ ހާލުގައި ޖެހުނު މީހުންނަށް ވަރަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުހިންމު ތަކެތި އެ ޖަމިއްޔާއިން އޭރުވަނީ ހާލުގައި ޖެހުނު އާއިލާތަކާ ހަމައަށް ފޯރުކޮށްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް