ޒާންއަށް 100ރުފިޔާ: ތަފާތު ކަމެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިއަކު ހޯދާނީ ފޮނި އުންމީދުތަކަކާއި އެކުގައެވެ. ކުދިންނަށް އުޖާލާ މުސްތަގްބަލަކާއި، ދުޅަހެޔޮ ސިއްހަތެއް ލިބުމަށް އެދޭ ހާލުގައެވެ. ނަމަވެސް ބައެއް ފަހަރު، ގުދުރަތުގެ ނިޔާއިން މައިންބަފައިންގެ އުއްމީދު ފުރިހަމަކުރުމަށް އާދައިގެ މިންވަރަށް ވުރެ ބުރަ މަސައްކަތް ކުރަން ޖެހެއެވެ. އުމުރުން އެންމެ ނުވަ އަހަރުގެ ޒާން ޒަބީރުގެ މައިންބަފައިންނަށް ދިމާވީ މިހެންނެވެ.
ހދ.ވައިކަރަދޫ އަށް ނިސްބަތްވާ ދެމަފިރިން ކަމުގައިވާ އައިމިނަތު އިހުސާނާާ އަދި އަހްމަދު ޒަބީރުގެ އަލަތު ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ޒާންއަކީ އަބަދުވެސް ހިނިތުންވުމަކާއި އެކު ފެންނަ ކުއްޖެކެވެ. ހަރަކާތްތެރި، އަދި މައިންބަަފައިންނާއި އޭނާގެ ކޮއްކޮމެންނާއި ގުޅިގެން އުޅޭ ކުއްޖެކެވެ. ނަމަވެސް ޒާންގެ އުފާވެރި ހިނިތުންވުމުގެ ފަހަތުގައި އެތައް ދަތި އުނދަގޫތަކެއް ވެއެވެ.

ޒާން އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ތަހައްމަލްކުރަމުންދާ ކުއްޖެކެވެ. އުފެދުމުގައިވާ މި އުނިކަމުގެ ސަބަބުން ޒާންއަށް ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވެއެވެ. އެހެން މީހުންނާއި އެއްހަމައެއްގައި ވާހަކަދައްކައި، ހިތުގެ އިހުސާސްތައް ދުލުން ބޭރުކުރުމަށް ދަތިވެއެވެ.
މި ހުރިހާ ކަމަކާއި އެކުވެސް ޒާންއާއި އޭނާގެ މައިންބަފައިން ދަނީ ހިތްވަރާއެކު އާންމު ދިރިއުޅުމުގައި ކުރިއަށް ދިއުމަށް މަސަައްކަތް ކުރަމުންނެވެ.
ޒާންގެ އާއިލާއިންވެސް ޒާން އަކީ އޭނާ އުމުރުގެ އެހެން ކުދިންނެކޭ އެއް ފަންތިއެއްގައި އުޅެވޭނެ ކުއްޖަކަަށް ވުމަށް އުއްމީދުކުރެއެވެ. އެކަން ހާސިލްކުރުމަށް ވީ ވަރަކުން ގޭތެރެއާއި ސްކޫލް މާހައުލުގައި މަސައްކަތްކޮށް، ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއްވެސް ވަނީ ހޯދާފައެވެ.
ނަމަވެސް ޒާންއަށްވެސް ހައްގުވާ އުފާވެރި ދިރިއުޅުން ހާސިލްކުރަން ކުރެވެން އޮތް އެންމެ މުހިންމު އެއްކަމަކީ ސްޓެމް ސެލް ޓްރީޓްމަންޓް ނަމަކަށް ކިޔާ ފަރުވާއެއް ދިނުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސްޓެމް ސެލް ޓްރީޓްމެންޓްއަކީ އޯޓިޒަމްގެ މިފަދަ ތަފާތު މައްސަަލަތަކާ ކުރިމަތިލާ ކުދިންނަށް ހުރި ރަނގަޅު ފަރުވާއެކެވެ. ޒާން އަށް މި ފަރުވާ ދެވިއްޖެނަމަ އޭނާގެ ވާހަކަދެއްކަން ފަސޭހަވުން ފަދަ ސެންސޮރީ މައްސަލަތައް ރަނގަޅުވާނެއެވެ.
މީގެ ސަބަބުން ވަށައިގެންވާ މާހައުލަށް ހޭލުންތެރިވެ އަމިއްލަ ކަންކަމަށާ އެހެނިހެން ކަންކަމަށް ސަމާލުކަން ދެވޭލެއް ބޮޑުވެގެންދާނެއެވެ. އާންމުގޮތެއްގައި އެ ފަރުވާގެ ސަބަބުން އޯޓިޒަމްގެ އަލާމާތްތަށް ރަނގަޅުވުމަށް މަގުފަހިވެއެވެ. މި ފަރުވާލުން، ޒާންވެސް އިތުރަށް ރަނގަޅުވެދާނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތެވެ.
މި ފަރުވާ ރާއްޖެއާއި ގާތުން، އިންޑިޔާގެ މުމްބާއީގެ ނިއުރޯޖެން ބްރެއިން އެންޑް ސްޕައިން އިންސްޓިއުޓުން ކުރެވޭ އިރު، އެ ފަރުވާގެ ޖުމްލަ އަދަދަކަށް 12,000ޑޮލަރު ހޭދަވެއެވެ. މިފަދަ ބޮޑު އަދަދެއް އުފުލުމުގެ ގާބިލްކަން، ޒާާންއާއި އޭނާގެ އާއިލާގެ ކިބައިގައި ނެތެވެ. އެހެންކަމުން އެއާއިލާއިން ވަނީ ޒާންއަށް އެހީވުމަށް ޚާއްސަ ކެމްޕެއިންއެއް ސޯޝަލް މީޑިޔާގައި ފަށާފައެވެ.

#100ފޯ ޒާންގެ ނަމުގައި ކުރިއަށް ގެންދާާ މި ކެމްޕެއިންގެ އަމާޒަކީ މަދުވެގެން 100 ރުފިޔާ ނަމަވެސް ޒާންއަށް ހަދިޔާކުރުމެވެ. ޒާންގެ އާއިލާއިން ވޮއިސް.އެމްވީއަށް މައުލޫމާތު ދިންގޮތުގައި މިކެމްޕެއިންއަށް މިހާތަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި ވީހާވެސް ގިނަ އިތުރު ފަރާތްތަކުންވެސް މި ކެމްޕެއިންގައި ބައިވެރިވެ، ޒާންއަށް އެހީވުމަށް އެއާއިލާާގެ ފަރާތުން އެދެއެވެ.
ނިޔަނެތި ޒާންގެ ވޭންހުރި ދިރިއުޅުމަށް، ކުޑަވަރެއްގެ ލުޔެއް ގެނެވެން އޮތީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިގެންނެވެ. ވޮއިސް.އެމްވީ ޓީމްގެ އުއްމީދަކީ ޒާންއަށް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކުރެއްވުމެވެ.
ޒާން އަށް އެހީތެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ޒާންގެ މަންމަ، އައިމިނަތު އިހުސާނާގެ އެކައުންޓަށް ލާރި ޖަމާކުރެއްވުމަށް އާއިލާއިން އެދެއެވެ. ޒާންގެ އިތުރު މައުލޫމާތު، ޒާންގެ ފޭސްބުކް ޕޭޖުންވެސް ލިބޭނެއެވެ.
7770000023486 (ޑޯލަރު އެކައުންޓް)
7770000025637 (ރުފިޔާ އެކައުންޓް)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް