ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕް ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕް މިއަދު ފަށައިފިއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޞިއްޙީ ދުޅަހެޔޮކަމާއި، ތަޢުލީމާއި، ވަޒީފާއާއި، އެކްސެސިބިލިޓީގެ އިތުރުން، ހަމަހަމަކަމާއެކު މި ފަރާތްތައް ވެސް ކަންކަމުގައި ޝާމިލުކޮށްގެން ކުރިއަށްދާނެ ގޮތުގެ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހިނގާ 2025 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާއި ހަމައަށް ހިންގޭނެ ހަރަކާތްތަކާއި، މި ހަރަކާތްތައް ހިންގޭނެ ދާއިރާތައް ވެސް މި ވޯކްޝޮޕްގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އެހެން ފަރާތްތަކެކޭ އެއްފަދައިން، އެއްހަމައެއްގައި ހައްޤުތައް ކަށަވަރުކޮށްދިނުމުގެެ މަޤުސަދުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ އެކި ޖަމުޢިއްޔާތަކާއި، އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުންވެސް ބައިވެރިވެއެވެ.

މި ވޯކްޝޮޕް ކުރިއަށްދާނީ މިއަދުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް