ރައީސް ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ކައުންސިލުން ފާސްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ޖޮއިންޓް ކައުންސިލު ބައްދަލުވުމުން އެގޮތަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 49 މެންބަރުންގެ ވޯޓުންނެވެ.
ކައުންސިލުން މިރޭ ފާސްކުރި އެނިންމުމުގައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ދައުވާ ކުރިއަށް ދިޔައިރު، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ މެންބަރު ކަމުގައި އިންނަވައިގެން ކުރި ހުކުމެއް ކަމަށް ބުނެފައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު އެއް މޭޒެއްގައި ކޮފީ ބައްލަވައި ފަނޑިޔާރުން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ފަނޑިޔާރުންނަކީ ރައީސް ޔާމީނާ ޒާތީ ވެފައިވާ ބޭފުޅުން ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ބަލައި ނުގަންނަ ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް