އިބޫއަށް ޗައިނާގެ އަތުން ދޫކޮށްލެވޭނެބާ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިދިޔަ ސެޕްޓެމްބަރ މަހުގެ ތޭވީސް ވަނަ ދުވަހު ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބު ވެގެންދިޔައީ ސަރަހައްދީ ހާރިޖީ ބާރުތަކުން ވަރަށް ކައިރިން ބަލަމުންދިޔަ ކަމަކަށެވެ. އެއް ފަރާތުން ތަރައްގީއާއި ވަތަނިއްޔަތުގެ ވާހަކަ ދައްކަމުންދިޔަ އިރު، އަނެއް ފަރާތުން ގެންދިޔައީ ޖަޒީރާވަންތަކަމާއި އިންސާފުގެ ވާހަކަ ދައްކަމުންނެވެ. މި ދެފަރާތުގެ ފަހަތުގައިވެސް އިންޑިޔާ ކަނޑުގައި އެބައިމީހުންގެ “ސްޕިއަރ އޮފް އިންފްލޫއެންސް" ނުވަތަ ނުފޫޒުގެ މިންވަރު އިތުރު ކުރަން އެދޭ ބޭރުގެ ބާރުތަކެއް ތިބިކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ހާރިޖީ ދާއިރާއަށް ބަލާލާއިރު، ގައުމުތަކުން އަނެއްގައުމުގެ މައްޗަށް ނުފޫޒު އިތުރުކޮށް އުޅެނީ، މައިގަނޑު ގޮތެއްގައި ދެގޮތުގެ މަތިންނެވެ. އެއީ ހާޑް ޕަވަރ އަދި ސޮފްޓް ޕަވަރ އެވެ. ހާޑް ޕަވަރ އަކީ އަސްކަރީ ގޮތުންނާއި އިގްތިސާދީ ހަރުކަށި ފިޔަވަޅުތަކުން، ގައުމުތައް ބޯލަންބުވަން މަސައްކަތް ކުރުމެވެ.
މިއީ އާންމު ގޮތެއްގައި ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ މިންގަނޑެކެވެ. ދެން އޮތީ ސޮފްޓް ޕަވަރއެވެ. ސޮފްޓް ޕަވަރ އަކީ އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ނުފޫޒުގެ އެހީގައި ގައުމުތައް، ބޮޑެތި ގައުމުތަކުގެ ސްޕިއަރ އޮފް އިންފްލޫއެންސްގެ ދަށަށް ގެނައުމެވެ. މިއީ ޒަމާނީ ހާރިޖީ ދާއިރާގައި ގެންގުޅޭ ބޭނުންތެރި އުކުޅެކެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތަށް ބަލާއިރު، ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ކަމުން، އަބަދުވެސް ކައިރީގައި ބޮޑު ބޭބެއެއް ފަދައިން ގައުމެއް ބަހައްޓަން ޖެހެއެވެ. އިގްތިސާދީ އަދި އަސްކަރީ ލާބަ މަންފާއަށްޓަކައެވެ. ކައިރީގައި ބާއްވާ ގައުމު، ނުވަތަ ގައުމުތައް ކަނޑައެޅުމަކީ އޭރަކު އޮންނަ ސަރުކާރެއްގެ މައްޗަށް އޮންނަ ކަމެކެވެ.
ދިވެހިރާާއްޖެ މިނިވަން ސިޔާސީ ދައުލަތެއްގެ ގޮތުގައި 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ހަމަޖެހުމަށްފަހު، ވަރަށް ފަހަކާއި ޖެހެންދެންވެސް ދިވެހިންގެ ހާރިޖީ ސިޔާސަތު ބިނާވެފައި އޮތީ އަވަށްޓެރި ގައުމުތަކުންނާއި، ހުޅަނގުން ދައްކާ ފިޔަވަޅުތަކުގެ މަތީގައި ހިނގުމެވެ. މަދުން ނަމަވެސް އިރުމަތީގެ ގައުމުތަކުން އެހީތެރިކަން އެއިރުވެސް ލިބެމުންދިޔައެވެ. ނަމަވެސް ދިވެހިންގެ ހާރިޖީ ސިޔާސަތު ކުރިންވެސް ދެންނެވި ބީދައިން އޮތީ ހުޅަނގާއި އަވަށްޓެރި ގައުމުތަކާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ އެތަކެއް ނަފާތަކެއް މި ގުޅުންތަކުން ލިބިގެންދިޔައެވެ.
ނަމަވެސް 2013 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވެގެން ދިޔައީ ރާއްޖޭގެ ހާރިޖީ އޮޑީގެ މިސްރާބު ކުއްލިއަކަށް ބަދަލުވެގެންދިޔަ ކަމަކަށެވެ.
ރައީސް ޔާމީންއާއި ޗައިނާ:
2013 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުވެ ވަޑައިގަތުމާއި އެކު، ދިވެހިންގެ ތެރޭގައި އެންމެ ވައިގައި ހިފައިދިޔަ އެއް ލަފްޒަކަށް ވާނީ ތަރައްގީއެވެ. ރައީސް ޔާމީންގެ މެނިފެސްޓޯގެ މައިގަނޑު އަމާޒަކަށްވެސް ވެގެންދިޔައީ ގައުމު ތަރައްގީކޮށް ކުރިއެރުވުމެވެ. މި މަގުސަދު ހާސިލްކުރުމަށް އެމަނިކުފާނަށް ކުރައްވަން ޖެހި ވަޑައިގެންނެވި އެންމެ ފަސޭހަ، ނަމަވެސް އެންމެ އުނދަގޫ މަސައްކަތަކަށް ވާނީ ހިންގެވި ބޮޑެތި އުމްރާނީ މަޝްރޫއުތަކެވެ.
މި މަޝްރޫއުތަކަށް ހަރަދުވި އަދަދުތައް ކަރުދާސްތަކުން ދައްކަނީ ބިލިއަނުންނެވެ. ފަހަރުގައި ހަގީގީ އަދަދު މިއަށްވުރެ ގިނަ، ނުވަތަ މަދުވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ވިޔަސް، އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުނު ބައެއް ވައުދުތައް ފުއްދުމަކީ ސަރުކާރުގެ މާލީ ހާލަތު އޮތް މިންވަރުން ފުރިހަމައަށް ތަންދިން ކަމެއް ނޫނެވެ. އެހެންކަމުން އެ މަނިކުފާނުވެސް ޖެހިވަޑައިގެންނެވީ، ރާއްޖޭގެ އެހެނިހެން ރައީސުންނެކޭ އެއްފަދައިން ބޭރުގެ ފަރާތްތަކުގެ އަރިހުން ހިލޭ އެހީއާއި ލޯނަށް އެދޭށެވެ.
އެމަނިކުފާނަށް މިކަން ކުރައްވަން ޖެހިވަޑައިގެންނެވި ދަނޑިވަޅަކީ ރަނުގެ ފުރުސަތެއް އަތުގައި އައިސް ޖެހުނު ދަނޑިވަޅެކެވެ. ޗަައިނާގެ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް ޕްރޮޖެކްޓް ފައްޓައި، އިންޑިޔާ ކަނޑުގެ ސަތަހައިގެ ތެރެއަށް ޗައިނާގެ އިގްތިސާދީ ނުފޫޒު އިތުރުކުރަން ބޭނުންވި ދަނޑިވަޅެކެވެ. ރާއްޖޭގެ ސަރުކާރުން ބޭނުންވީ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގައި ފައިސާއާއި ފަންނުވެރިކަމުގެ އަތެއް ދިއްކޮށްލާނެ ގައުމެކެވެ. ޗައިނާގެ ސަރުކާރުން ބޭނުންވީ އެމީހުންގެ އިގްތިސާދީ ނުފޫޒު ފުޅާކޮށްދޭނެ މަދަދުގާރެކެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ދެގައުމުގެ ސިޔާސަތު ގާއިމްކުރާ ފަރާތްތަކުގެ މެދުގައި ބޭއްވިގެން ދިޔަ މަޝްވަރާ ބައްދަލުވުންތަކެވެ. ދެގައުމުގެ އެންމެ މަތީވެރިން، އެއްގައުމު އަނެއް ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ތަކެވެ. އެ ދަތުރުފުޅުތަކުގައި މުހިންމު އިގްތިސާދީ އަދި އުމްރާނީ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ސިނަމާލެ ބްރިޖް، އެއަރޕޯޓްގެ އާ ރަންވޭ، ލާމު ލިންކް ރޯޑް އަދި ހައުސިންގް ޔުނިޓްތައް ހިމެނެއެވެ.
ޗައިނާާ އަކީ އިގްތިސާދީ ގޮތުން އެހެނިހެން ގައުމުތައް “އަަޅުވެތިކުރުވާ" ގައުމެއްގެ ގޮތުގައި ގިނަ ބަޔަކު ގޮވަމުންދިޔަ ދަނޑިވަޅެއްގައި ރާއްޖެއިން ޗައިނާއާއި ގާތްވުން ވެގެންދިޔައީ ބައެއް ގައުމުތަކަަށް ބަލަން ފަސޭހަވި މަންޒަރަކަށް ނޫނެވެ. ހާއްސަކޮށް އަވަށްޓެރި އިންޑިޔާއަށެވެ. ޒަމާނުއްސުރެ ހަތުރުވެރި ދެގައުމު ކަމުގައިވާ އިންޑިޔާ އަދި ޗައިނާ، ހިންދު މާ ކަނޑުގެ ނުފޫޒަށް ވާދަކުރަމުންދިޔަ އިރު ޗައިނާާއަށް މޮޅު ލިބެމުންދިޔަތަން ބަލަން އިންޑިޔާއަށްވީ ދަތިކަމަކަށެވެ. އޭގެ އާޚިރު ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިންނަށް އޭގެ “ރޯޅި" އައުމެވެ. ވިސާގެ ދަތިކަން ފަދަ ކަންކަމުންނެވެ.
ތެދެކެވެ. ޗައިނާއަކީ މެރިޓައިމް ސިލްކް ރޫޓްގެ ދަށުން ގައުމުތައް އިގްތިސާދީ ވަޅުގަނޑަކަށް ވައްޓާލާ ބައެއްކަމަށް ދުނިޔޭގެ ވޯލްޑް ބޭންކް ފަދަ އިދާރާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ހާރިޖީ މުފައްކިރުން ވިދާޅުވާ ގޮތުގައި އިންޑިޔާއަށް، ހިންދު ކަނޑުގައި “ބައިޕޯލަރ ބެލެންސް އޮފް ޕަވަރ" ނުވަތަ ދެ ގައުމެއްގެ މެދުގައި ބާރުތަކަށް އަތްގަދަކުރުން އޮއްވައި، ޗައިނާގެ ހަރަކާތްތައް މަޑުމަޑުން ބަލަން އޮތުމަކީ ކުރެވުނު ގޯސްކަމެކެވެ.
އިންޑިޔާއިން ބޭނުންވި ނަމަ ޗައިނާ ފަދައިން ރާއްޖެއަށް ގިނަ އެހީތެރިކަން ފޯރުކޮށްދެވުނީހެވެ. ނަމަވެސް އިންޑިޔާގެ ކިބައިގައި އެފަދަ އިގްތިސާދީ އަދި އުމްރާނީ ގާބިލިއްޔަތުކަން ހުރިތޯ އެއީ ގިނަފަރާތްތަކުން އަދިވެސް ކުރަމުންދާ ސުވާލެކެވެ. ފަހަރެއްގައި އެ ސުވާލުގެ ޖަވާބަކީ އާނއެކޭ ކަމުގައި ވީ ނަމަ ރައީސް ޔާމީންގެ ސަރުކާާރުވެސް، އެހީއަށް އެދި އެތެރެވަރި ދޫކޮށް ނުދިޔައީސްއެވެ.
ޗައިނާއާއި ރާއްޖެއާއި ދެމެދު އެއްބަސްވުންތައް ހެދި، ގިނަ މަޝްރޫއުތަކެއް ފެށި، އަދި އޭގެތެރެއިން ގިނަ މަޝްރޫއުތައް މިއަދާއި ހަމައަށް ވަނީ ނިމިފައެވެ. ނަމަވެސް އޭގެ ސަބަބުން ޗައިނާއަށް ދަރާފައިވާ ދަރަނީގެ ވާހަކައަކީ އެންމެންގެ ދުލުކުރީގައިވެސް އޮތް ވާހަކައެކެވެ. މި ދަރަނިތައް އަދާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ މިއީ ގިނަބަޔަކު ކުރާ ސުވާލެކެވެ. މި ދަރަނީގެ އެކި އަދަދުތައް ކިޔާއިރު، ގާތްގަނޑަކަށް މި ދަރަނީގެ އަދަދު 3ބިލިޔަން ޑޮލަރަށް އަރާފާނެ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި ހުރިހާ ދަރަނިއެއް އަދާކުރުމުގެ ޒިންމާ އެޅިގެންދާނީ ހަމަގައިމުވެސް މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު އިންތިހާބުވެ ވަޑައިގެންނެވި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް، އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުގެ ކޮނޑުގައެވެ.
އިބޫގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ވާނީ ކިހިނެތް؟
މި ސުވާލަކީ ގިނަ ބަޔަކު އިންތިޙާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހުވާ ނުކުރަނީސްވެސް ކުރަމުންދާ ސުވާލެކެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އިބޫގެ ކެމްޕެއިންގެ ތެރޭގައިވެސް އަދި ކޯލިޝަންގެ އެކި ހަރަކާތްތަަކުގައިވެސް ޗައިނާ ލޭބަލްވެ ނިމިފައިވަނީ ދިވެހިންގެ ޒަމާންވީ އެކުވެރިޔާ، އިންޑިޔާގެ ކިބައިން ދިވެހިން ދުރުކުރި “ވިލަން" އެއްގެ ގޮތުގައެވެ. ތަރައްގީގެ ނަމުގައި ގައުމުތަކުގެ އިގްތިސާދު އިނދަ ޖައްސާލަން އުޅޭ ފަރާތެއްގެ ގޮތުގައެވެ.
ނަމަވެސް ޗައިނާއިން އަބަދުވެސް ދަނީ މިކަމަކީ ހަގީގަތާއި ޚިލާފުވާހަކައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ސަފީރު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލުކުރައްވާ، އަބަދުވެސް ރާއްޖެއަށް އެހީވާނެ ކަމުގެ ޔަގީންކަންދީ، އިބޫ ޗައިނާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއާންގް ވަނީ ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރާއްޖޭގެ އާ ސަރުކާރުން އިހުތިރާމްކޮށް ސިލްކް ރޯޑް މަޝްރޫއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ބުނެފައެވެ.
މިހިސާބުން އުފެދޭ ސުވާލަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ރާއްޖެއާއި ޗައިނާގެ ހާރިޖީ ގުޅުމަށް ވާނީ ކިހިނެތްބާވައެވެ؟ ހަމަ ގައިމުވެސް އަދި މިހާތަނަށް ފެންނަމުންދަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިން އޮތްގޮތަށް އަނބުރާ ބަދަލުވަމުން އަންނަ ތަނެވެ. އޭގެ އެއް މިސާލަކީ އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތުދީފައިވުމެވެ. މިއީ ފަހަރުގައި ޗައިނާއަށް އިންޑިޔާ ކަނޑުގެ ހަގީގީ ބާދްޝާހުންނަކީ ކޮބައިކަން ދައްކައިދޭން ކުރާ ކަމެއްކަމުގައިވެސް ވެދާނެއެވެ.
ނަމަވެސް ހަގީގަތަކީ އިންޑިޔާގެ އަތުގައި ދިވެހިން އަލުން އަތުގައި ހިފިޔަސް، ޗައިނާގެ އަތުން ދޫކޮށްލެވެންވެސް ނެތްކަމެވެ. ބޮޑެތި އަދަދުތަކުން ޗައިނާއަށް އަނބުރާ ލޯންދައްކާ ދަނޑިވަޅުގައި ޗައިނާއާއިވެސް ގުޅުން ބަދަހިކޮށް، ލޯން ދެއްކުމުގައި ފަސޭހަ ހޯދައި، އުމްރާނީ ހިލޭ އެހީވެސް ހޯދިދާނެކަމެވެ. މިކަމަކީ ފަހަރުގައި އިންޑިޔާ ހިތްނުރުހޭ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން އިބޫގެ ސަރުކާރަށް އޮތީ ދެ ހަތުރުން ރުއްސައިގެން، އިންޑިޔާ ކަނޑުގެ ފިނި ހަނގުރާމަ ހޫނުވެ ނުދިޔުމަށް ހިތްވަރުލާ މަސައްކަތް ކުރުމެވެ. މިކަމަށްޓަކައި އޮތް ގޮތަކީ ޗައިނާގެ އަތުންވެސް، އިންޑިޔާގެ އަތުންވެސް ދޫނުކޮށްލުމެވެ. ނުވަތަ ފަހަަރުގައި ދެ އަތުންވެސް ދޫކޮށްލައި، ކުރި އަރަމުން އަންނަ ތިންވަނަ އަތެއްގައި ހިފުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް