ރޯދަ މަހު ވަކި ގަޑިތަކެއްގައި ބާޒާރުމަތީ ސަރަހައްދު ބަންދު ކުރަނީ
ކުރިއަށް އޮތް ރޯދަ މަހު ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުވުމަށް ވަކި ގަޑިތަކެއްގައި އެ ސަރަހައްދު ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުހައްމަދު ލުތުފީ ވިދާޅުވީ ރޯދަ މަހު ބާޒާރުމަތީގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން ފުލުހުން ބަލަހައްޓާނީ އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
ރޯދަ މަހު 12:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، މުދާ އެރުވުމަށާއި މުދާ ބޭލުމަށް ބޭނުންވާ ވެހިކަލްތަކަށް އެ ސަރަހައްދު ބޭނުން ކުރެވޭ އިރު، ބާޒާރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް އެ ސަރަހައްދުގައި އުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“(ރޯދަ މަހު) 12:30 އިން ފެށިގެން ނޯމަލް ޓްރެފިކިންގެ އެއްވެސް އެއްޗަކަށް ފުރުސަތެއް ނުދޭނަން. ހަމައެކަނި އެ ސަރަހައްދަށް ލޯޑިން ނުވަތަ އަންލޯޑިން ވެހިކަލްތަކަށް ވަދެވޭނެ. ނޫނީ ބާޒަރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް ނޫނީ ފުރުސަތެއް ނުދޭނަން،” މުހައްމަދު ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް