ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކަށް ބަދަލުކުރަން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ. ކޯޓުތަކާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހު ޖުޑީޝަރީ ކޮމިޓީން ފާސްކުރީ ކުރިންވެސް އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރީގެ އިސްލާހު އޮތް ގޮތަށެވެ.
ނަމަވެސް ދެ ފަނޑިޔާރަކު އިތުރުކުރަން ނިންމައި އެކަަމަށް ހިނގާނެ ހަރަދުތަކާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދި ކޮމެޓީން ފޮނުވި ސިޓީގެ ޖަވާބުގައި ފިނޭންސުން ވަނީ އިތުރުކުރާ ދެފަނޑިޔާރުންނަށް ސޯފާއާއި ކާރު ގަތުމަށާއި ފަނޑިޔާރުންގެ ގޭގެ ހަރަދާއި، އޮފީސް ހަރަދާއި، އިދާރީ ހަރަދުތައް ހިމަނާފައިވެއެވެ.
އިތުރުކުރާ ދެ ފަނޑިޔާރުންނަށް ހިނގާ ހަރަދުތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ގޭގެ ހަރަދާއި އެނޫންވެސް ބައެއް ހަރަދުތަކަކީ އާދަޔާ ހިލާފު ބޮޑު ހަރަދުތަކެއް ކަމަށެވެ. ސައުދު ވިދާޅުވީ އިތުރަށް އިސްލާހު ހުށަހަޅަން ބޭނުން ނުވީ އަދުލް އިންސާފް ގާއިމްކުރުން ލަސްކުރަން ނުފެންނާތީ ކަމަށެވެ. އެހެންކަމުން އިސްލާހު ފާސްކުރަން ފެންނަ ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދުގެ ވާހަކަތަކަށް ތާއީދުކުރައްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ ވެސް އަލަށް އިތުރުކުރާ ދެ ފަނޑިޔާރުންނަށް ސޯފާއާއި ކާރު ގަތުމަށް ހިމަނާފައިވާތީ ކަމަށެވެ. ނަމަވެސް ހުރި ކަންބޮޑުވުންތަކާއެކު ވެސް އިސްލާހަށް ފާސްކުރަން ފެންނަ ކަމަށް ސިރާޖުވެސް ވިދާޅުވިއެވެ.
އިސްލާހަށް ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުހަސަން ލަތީފު ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި ހަރަދުތައް ހިމަނާފައިވަނީ ފިނޭންސް މިނިސްޓްރީން ވަރަށް ބޮޑަށް ބެލުމަށްފަހު ދައުލަތަށް ބުރަ ބޮޑު ނުވާނެ ގޮތަކަށް ކަމަށެވެ.
އަދި މިހާރު މަސައްކަތްކުރަނީ ވަކިވަކި އޮފީސްތަކެއްގެ ގޮތުގައިކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، ކޮންމެ ފަނޑިޔާރަކަށް އެޑްމިނިސްޓްރޭޝަން އާއި އެހެނިހެން އިދާރީ ކަންކަން ހަމަޖައްސަންޖެހޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް