ލަންކާ ގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ގޮވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިޔާސީ ކަންކަން ހަލަބޮލިވެ ސްރީ ލަންކާގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތަ ކުރަމުންދާތީ އެޤައުމުގައި އުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އަންގައިފިއެވެ.
އެމްބަސީއިން މިއަދު ނެރުއްވި ބަޔާނުގައިވަނީ ލަންކާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން، ކޮޅުނބުގެ ބައެއް ހިސާބުތަކުގައި މިއަދު ބޮޑު މުޒާހަރާތަކެއް ފަށާފައިވާ ކަމަށާއި އެޤައުމުގައި އުޅޭ ދިވެހިން ބޭރަށް ނިކުމެ އުޅުމުގައި ޚާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަދި މުޒާހަރާ ކުރާ ސަރަހައްދުތަކަށް ނުދިއުމަށްވެސް އިލްތިމާސް ކުރައްވާފައިވެއެވެ.
އެހެންކަމުން އެކަމުގައި އިތުރު އެހީތެރިކަމެއް ބޭނުން ވެއްޖެނަމަ، އެ އެމްބަސީ އާއި ގުޅުމުން އެހީތެރިކަން ލިބޭނެކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ސްރީލްނކާގެ ސިޔާސީ މަޝްރަހު ހަލަބޮލި ވާންޖެހުނީ އެގައުމުގެ ބޮޑުވަޒީރު ވިކްރަމް ސިންހަ މަޤާމުން ވަކި ކުރުމަށްފަހު، މަހިންދަ ރާޖަޕަކްސަ އެ މަގާމަށް ހަމަޖެއްސުމުންނެވެ.
ރާޖަޕަކްސަ ވަނީ މިހާރު އެ ޤައުމުގެ ބޮޑު ވަޒީރުކަމުގެ ހުވާކުރައްވާފައެވެ. ރާޖަޕަކްސަ ހުވާ ކުރެއްވުމާއެކު ވިކްރަމް ސިންހަގެ ކެބިނެޓްވެސް ވަނީ އުވިފައެވެ.
ނަމަވެސް ވިކްރަމް ސިންހަ ދަނީ އޭނާ މަޤާމުން ދުރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި އޭނާއަކީ އަދިވެސް އެ ޤައުމުގެ ބޮޑު ވަޒީރުކަމަށް ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް