ކަރަންޓްގައި ޖެހުނު ވިލިނގިލި މީހާ މިރޭ ފަތިހު މާލެ ގެންނަނީ
ގއ. ވިލިނގިލީގައި ކަރަންޓްގެ މަސައްކަތެއް ކުރަމުންދަނިކޮށް، ކަރަންޓްގައި ޖެހުނު ފެނަކައިގެ މުވައްޒަފަކަށް އިތުރު ފަރުވާ ދިނުމަށް މިރޭ ފަތިހު މާލެ ގެންނާނެ ކަމަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ކަރަންޓުގައި ޖެހުނީ ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތްކުރަމުންދާ ގއ. ވިލިނގިލި ފެހިވިލާގެ، އަހުމަދު މުފީދެވެ.
''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު ޝަމްވީލު މުހައްމަދު މިރޭ ވިދާޅުވީ، ކަރަންޓްގައި ޖެހުނު މީހާ މިރޭ ފަތިހު މާލެ ފޮނުވައިލާނެ ކަމަށެވެ. އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެނިމިފައިވާ ކަމަށް ޝަމްވީލު ވިދާޅުވިއެވެ.
ޝަމްވީލު ވިދާޅުވީ، ބަލި މީހާއާއި ބެހޭ އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި މުފީދު މާލެ ގެންނަނީ އެހޮސްޕިޓަލުން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ފެނަކަ އިން ބޭނުންވެގެންނެވެ.
އޭނާ ކަރަންޓްގައި ޖެހެން މެދުވެރިވެފައިވަނީ، ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިހުރި ކޯރަށް އެރި އުޅެނިކޮށް، ފެންގަނޑަށް ކަރަންޓް އައިސްގެންނެވެ. ކަރަންޓު ޖެހުނީ ކޯރަށް ގުޅާފައި ހުރި ޕަމްޕަށް ކަރަންޓު ދިނުމުގެ ސަބަބުންނެވެ.
އޭނާގެ ހާލު ސީރިޔަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް